50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލަން ހިމަނާ، ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅުއްވައިފައިވަނީ އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ޝިފާޒެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާ ކަމެއް ކަމުގައި ގާނޫނުން ކަނޑައަޅައި، ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމުގެ ގޮތުން ތަފާތު ބާވަތްތަކުގެ ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން ގާނޫނުގައި ބަޔާންކުރާ އުސޫލުތައް މުރާޖާކޮށް، ގާނޫނު ތަންފީޒުކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. އެ ބިލުގައި ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި، ކުނިމެނޭޖްކުރުމުގެ އުސޫލުތަކާއި ގުޅުން ހުރި އުސޫލްތައް ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ. މި ބިލުގައި ވަނީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށް ހިމަނާފައެވެ. އެކަމުގެ ސަބަބުން ޕްލާސްޓިކް ކޮތަޅުން ނަގާފީއިން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެއެވެ.
ބިލުގައި ހިމަނާފައިވާ އިތުރުކަންކަމަށް ބަލާއިރު، އިޤްތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖްކުރުމުގެ ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. އަދި ކުނިމެނޭޖްކުރާ އިރު ޤައުމީ މާސްޓަރ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި އެއްގޮތްކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް، ޤާއިމްކުރުމާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. ހަމައެހެންމެ ކުނި މެނޭޖްކުރާ މަރުކަޒުތަކައި ގުޅުންހުރި ބައެއް އިސްލާހުތައް ބިލުގައި ހިމަނާފައިވެއެވެ. ކުނި މެނޭޖްކުރުމުގައި ބޭނުންކުރަ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
މި ހުރިހާ ކަމަކާ އެކު ބިލު ފާސްވުމުން، ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ޖުމްލަ ވަށާޖެހޭ ހައްލެއް ހޯދަން މަގުފަހިވެގެންދާނެއެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި 2،011،421 ރުފިޔާ ދައުލަތަށް ލިބިފައިވާއިރު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން މިނިސްޓްރީގެ ވަކި ހުއްދައެއް ހޯދައިގެން ރާއްޖެއަށް ކުނި އެތެރެ ކުރެވެއެވެ. ނަމަވެސް އެފަދަ ހުއްދައެއް ދޫކުރެވެނީ މިނިސްޓްރީން ހަދާފައި އޮންނަ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

