ރާއްޖޭގެ އިސްލާމީ އައުގާފުގެ ދާއިރާ ފުޅާކޮށް، އިގްތިސާދީ ގޮތުން ދީނީ ކަންކަމަށް އާމްދަނީ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަ އައުގާފު އިމާރާތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެމްއެމްޓީވީން ހުށަހެޅި ސުވާލުތަކަކަށް ޖަވާބު ދެމުން އެ ވުޒާރާއިން ބުނީ، މި މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެނީ ހުޅުމާލޭގައި ބިނާކުރާ "ދާރުއްސަލާމް" އިމާރާތަށް ކަމަށެވެ. 244.5 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓަކާއެކު ކުރިއަށްދާ މި މަޝްރޫއަކީ އަހަރަކު 52.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ، މި ސަރުކާރުގެ އެންމެ ބޮޑު އައުގާފު މަޝްރޫއެވެ. މި އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މާލޭގައި ކުރިއަށްދާ "ދާރުލްއަރުގަމް" މަޝްރޫއުގެ ޝީޓް ޕައިލްކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު، 39.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މި އިމާރާތުން އަހަރަކު 10.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މި މަސައްކަތް ގާތްގަނޑަކަށް 530 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
އަތޮޅުތެރޭގެ ރަށްތަކަށް ބަލާއިރު، އައްޑޫ ސިޓީގައި 20 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަރުމާކުރުމުގެ މަރުހަލާގައި އޮތްއިރު، ކުޅުދުއްފުށީ ސިޓީ، ގއ. ވިލިނގިލި އަދި ގދ. ތިނަދޫގައި ކޮންމެ ރަށެއްގައި 10 މިލިއަން ރުފިޔާގެ އައުގާފު އިމާރާތްތައް ދަނީ ބިނާކުރަމުންނެވެ. މީގެ ތެރެއިން ވިލިނގިލީގައި އަޅާ އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.
މި ހުރިހާ މަޝްރޫއުތަކަކީވެސް ގާތްގަނޑަކަށް 540 ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މަސައްކަތްތަކެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި އިމާރާތްތައް ނިމި ބޭނުންކުރަން ފެށުމުން ދީނީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ދާއިމީ އަދި އިތުބާރު ހުރި އާމްދަނީގެ ވަސީލަތްތަކެއް ގާއިމުވެގެންދާނެއެވެ.

