މާލޭ ނޯތު ހާބަރުގެ "އޭ ޒޯން" ގައި އޮޑިދޯނިފަހަރަށް ބޭނުންވާ ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ނިޒާމު ގާއިމުކޮށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ހިދުމަތް ރަސްމީކޮށް ދޭން ފަށައިފިއެވެ.
މީގެކުރިން ނޯތު ހާބަރުގެ "އޭ ޒޯން" ނުވަތަ ބޮޑުތަކުރުފާނު މަގާވީ ފަރާތުން މި ހިދުމަތްތަކެއް ނުލިބެއެވެ. ކުރިން ފެނާއި ކަރަންޓުގެ ހިދުމަތް ދެމުން އައީ ހަމައެކަނި އެ ބަނދަރުގެ "ބީ ޒޯން" އަދި "ސީ ޒޯން" އިންނެވެ. ނަމަވެސް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ނިމި، ހާބަރު ސަރަހައްދު އަލުން ހުޅުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވަނީ "އޭ ޒޯން" އިން ވެސް މި ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އަންގަވާފައެވެ.
ރައީސްގެ އިރުޝާދާ އެއްގޮތަށް، މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި އެމްޕީއެލް އިން ވަނީ މި މަސައްކަތް އަމަލީގޮތުން ފަށާފައެވެ. މި މަޝްރޫއުގެ ދަށުން "އޭ ޒޯން" ގައި އެއްފަހަރާ 48 އުޅަނދަށް ކަރަންޓު ދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ފެން ފޯރުކޮށްދިނުމަށްޓަކައި 16 ޕޮއިންޓެއް އެ ސަރަހައްދުގައި ވަނީ ގާއިމުކޮށްފައެވެ.
މި ހިދުމަތް ފެށުމަކީ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައެކެވެ. އެމްޕީއެލް އިން ފާހަގަކުރި ގޮތުގައި، މި ނިޒާމު ކުރު މުއްދަތެއްގެ ތެރޭގައި ގާއިމުކުރުމަށްޓަކައި މާލޭ ނޯތު ހާބަރުގެ މުވައްޒަފުންނާއި ކުންފުނީގެ ކަމާގުޅޭ ޑިޕާޓްމަންޓްތަކުން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

