އަސާސީ ޞިއްޙީ ޚިދުމަތްތައް އާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޤައުމީ މަޝްރޫޢުގެ ދަށުން، ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ލ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ. މިއާއެކު ލ. އަތޮޅު ވެގެން ގޮސްފައިވަނީ މި މުހިންމު ޕްރޮގްރާމް ރާއްޖޭގައި ތަޢާރަފްކުރި 18 ވަނަ އަތޮޅަށެވެ.
އިބްތިދާއީ ޞިއްޙީ ޚިދުމަތުގެ މި ނިޒާމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށާއި، ބަލިތައް ކުރިއާލާ ދެނެގަތުމަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނާ ގާތުން، އިތުބާރު ހުރި އަދި ފެންވަރު ރަނގަޅު ވަށާޖެހޭ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
ޞިއްޙީ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން މިހާރު ކުރިއަށްދަނީ ލ. އަތޮޅުގެ އެކި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތެވެ. މި ތަމްރީނުތަކުގެ ސަބަބުން މުޖުތަމަޢަށް ދެވޭ ޞިއްޙީ ޚިދުމަތްތައް ހަރުދަނާވެ، އަސާސީ ޞިއްޙީ ޚިދުމަތުގެ ނިޒާމު އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި މަޝްރޫޢަކީ ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު ކުރިއަށްދާ މަސައްކަތެކެވެ. އެގޮތުން މި މަސައްކަތަށް މާލީ އެހީތެރިކަން ފޯރުކޮށްދެނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖަޕާން ފަންޑް ފޯ ޕްރޮސްޕަރަސް އެންޑް ރިސިލިއަންޓް އޭޝިއާ އެންޑް ދަ ޕެސިފިކް އިންނެވެ.

