އެ އިވުނު ރާގާއި އަޑުގައި އެހުރީ އޭނާ ދުވަހަކުވެސް އަޑުއަހަން ބޭނުން ނުވާފަދަ ގޮތެކެވެ. މީގެ ކުރިން އޭނާއަށް ނުވާފަދަ ނުބައި ގަދަފަދަ ރުޅިވެރިކަމެއް އިސްކުރެވުނީ ބޭއިޚްތިޔާރުގައެވެ. ދެނެކާދެނެއް ނުބަލައި އެނބުރިފައި އަތުގައި ހުރި ބާރެއް ލާފައި އެމީހެއްގެ މޫނުގައި ޖެހި އެތިފަހަރުން އެމީހާ ހަޅޭއްލަވައި ގޮނޑިން ވެއްޓުނެވެ. ގަދަ ނަފްރަތާ ރުޅިވެރި ކަމުގައި ސާރާ ކަޅިއަޅައިގެން ލޯރަތްވެފައި އެހުރީ އޭނާގެ ނަފްސަށް ކެތްކުރަން އުނދަގުވެގެނެވެ.
އެމީހާ:” ސާބަސް، އެއީ އެވަރުގެ ކަމެއްތަ؟ ތީ ހާދަ ގޮތެއް ފޮތެއް ނެތް ގޮތްކުޑަ އަންހެންކުއްޖެކޭ،
އެމީހާ ދާހިތްލާފައިވާ މޫނު ރަތްކޮށްގެން ނުރުހުންކަމާ އެކީ ތެދުވިއެވެ. ސްމާރޓް ވެފައި އުމުރުން ދުވަސްވީ އެމީހާއަށް ހީކުރެވުނީ އޭނާ ގައިގޯޅިވާން ބޭނުންވާ ކޮންމެ ޒުވާން އަންހެން ކުއްޖަކީ ފަސޭހައިން އޭނާގެ ދަންދުރާ ދަޅާގައި ޖައްސައި ހައްލާލައިގެން އެމަޅީގައި ޖެހޭނެ ޝިކާރައަކަށް ވެދާނެކަމަކަށެވެ. ނަމަވެސް އަދު ސާރާއަކީ އޭނާ މަޅީގައި ދުވަހަކު ވެސް ނުޖެހޭނެ އަންހެންކުއްޖެއްކަން ހާމަވެގެން ދިޔައީ އޭނާގެ މޫނު މައްޗަށް އެރި އެތިފަހަރުގެ ދިލައިންނެވެ.
އެމީހާ:” މީގެ ކުރިއަކުން ތިހާ ލަދެއްނެތް އަންހެންކުއްޖަކު އަހަރެންނާ ދިމައެއް ނުވޭ، ކަލޭ އަހަރެން ގާތައްވެސް ކަމަކު ކިޔަން އަންނަން ޖެހިދާނެކަން ހަނދާން ބަހައްޓާތި. އޭނާ އެބުނެލީ އޭނާގެ މަޤާމާއި ބާރުގެ ނުފޫޒު ހަރުކަށި ލަފުޒުތަކުން ކަން އަންގާލަން ބުނި ޢިބާރާތެވެ. ލޯރަތްވެފައި ހުރި ސާރާގެ ލޮލުން އޮހޮރިގެން ފޭބި ކަރުނަތައް އޭނާ ކޯތާފަތައް ފޭބީ ވޭނީ ހިތްދަތިކަމަށް ކެތްނުވެގެނެވެ.
ސާރާ:” އާނ. އަހަރެން ތިމީހެއް ގާތައް ވަރަށް ބޮޑު ކަމަކު ކިޔަން އަންނަން ޖެހިފައޮތީ، ތި ބޭފުޅާގެ ކިބައިން އެއްވެސް އެއްޗެއް ދުވަހަކު ނުލިބުނަސް އަހަރެންގެ އަލަތުކައިވެނީގެ ” ވަލީ” ދީފިއްޔާ ދުވަހަކުވެސް އުނިވެގެން ދިޔަ އެއްވެސް ކަމެއްގެ ޝަކުވާއެއް ނުކުރާނަން އަދި ތި އިންސާނެއްގެ ފުށުން ބޭނުމެއް ނޫން. އޭނާ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިފެހެއްޓުމެއް ނެތި ފައިބާގެން ދިޔައެވެ.
އެމީހާގެ ލޯބޮޑުވިއެވެ. ސާރާގެ އެ ދެލޮލަށް ފުން ނަޒަރަކުން ފުރަތަމަ ފަހަރަށް އޭނާއަށް ބަލާލެވުނެވެ. އެއީ ހަމަ އެ ދެލޮލެވެ. އެއީ ހަމަ އެކަޅިރަވައެވެ. އޭނާއާ ދެގޮތްނުވާ ވައްތަރުކަން ހުރި ދޮށީ އަންހެން ދަރިފުޅު ސާރާއެވެ. ސުބްހާނަﷲ. މިކުރެވެން އުޅުނީ ކޮންފަދަ ނަޖިސްކަމެއްބާ؟ ގެންލަދުން ނަޝީދު އަމިއްލަ ނަފްސުގައި ހުޅުރޯވެ އަނދަން ފެށިފަދަ އިޙްސާސެއް ވިކަހަލައެވެ. އަޑު ކުރަކިވެ ލަދުން ކޮށިއަރަމުން އޭނާ އަނގައިން ބަސް ބޭރުކޮށްލިއެވެ.
ނަޝީދު: ތީ މަގޭ ، ސ. ސާރާތަ؟
ސާރާ ހިތަށް ތަދުވިވަރުން އޭނާ ރޮމުން އެތަނުން ދުވެފައި ނިކުމެއްޖެއެވެ. ނަޝީދު ގެންލަދުން އެ އޮފީހުން ބޭރަށް ނިކުންނާނީ ކިހިނެއްބާ؟ އޭނާއަށް މާޒީގައި އެއްކަހަލަ ރޭގެ ހަނދާންވިއެވެ.
(ސާރާގެ ބައްޕަ ކަންތައް ކުރެވުނުގޮތާއި އެއަށް ފަހު ސާރާގެ ހަޔާތް ބަދަލުވެގެން ދިޔަގޮތް)
ސާރާގެ އުމުރުން ހަތް އަހަރުފުރުނު ރޭގައި ކާން އިންމޭޒުގައި ހިނގިހާޖާނެވެ. އޭގެ ކުރިން އެއްރެއަކު ފަޒުނާއާ ކުރިޒުވާބެއްގައި އެރި ރުޅީގައި ފަޒޫ ވަރިކޮށްފައި އިންކަން ހަނދާންކޮށްދިނެވެ. އެކަން ފަޒޫ ސިއްރުކޮށްގެން ހުރީ ދަރިންނަށްޓަކައިއެވެ. އެހެނަސް އެއަޑު ސިއްރިޔާތުގައި ސާރާއަށް ވަނީ ކުރިން އިވިފައެވެ. ތުއްތު ޝުހާ އުރައިގެން ފަޒުނާ ނަޝީދުގާތުގައި އެތައް އާދޭހެއް ކުރިއެވެ.
އެރޭ ފަޒުނާ ކަންފަތްދޮށުގައި ނަޝީދު ފަޒޫދެކެ ފޫހިވާ ސަބަބު އޮޅުންފިލުވާދިނީ އޭނާގެ ހިތް ހަލާކު ކުރަމުންނެވެ.
އެއީ ކޮން ވާހަކައެއްބާ؟ ކައިވެނި ރުޖޫޢަވޭތޯ އޭނާ ވަރަށް ކެތްތެރިވެގެން އެއްވެސް ޝަކުވާއެއް ނުކޮށް އުޅުނެވެ.
ސާރާގެ އުފަންދުވަހު ކޭކުފެޅުމަށް ފަހު ފަޒޫ ބޭނުންގޮތައް އޭނާ ރަށަށް ޗުއްޓީއަށް ދަރިންނާއެކު ފޮނުވާލީ ނަޝީދު ބޮލުން އެޒިންމާ އެއްލާލާށެވެ. އެދުވަހުން ފެށިގެން އޭނާ ފަޒޫއާ ދެދަރިން ދެކެފޫހިވިއެވެ. އޭނާގެ އެދުމަކީ ފަޒޫގެ ކިބައިން ފިރިހެން ދަރިއަކު ލިބުމެވެ.
ފަޒުނާއަށް އަންހެން ދަރިން ލިބުމަކީ އޭނާއަމިއްލަ އިޚްތިޔާރުން ކުރާކަމެއް ނޫންކަން ނަޝީދު ޤަބޫލުކުރަން ބޭނުން ނުވަނީހެއްޔެވެ؟ ނަޝީދަށް ލިބެން ހުރި ދަރިއަކު ދެއްވަނީ ކޮންފަރާތަކުންކަން އޭނާ ހަނދާން ނެތުނީހެއްޔެވެ؟ ފަޒުނާ ފިޔަވައި އެހެންމީހަކާ އިނދެގެންވެސް ނަޝީދަށް ދެއްވާން ހުރި ދަރިއަކު ނުދެއްވާނެކަމާއި މެދު ހިތުގައި ޝައްކުއުފެދުނީހެއްޔެވެ؟
އޭނާ ބޭނުން ވަނީ މުސްތަޤުބަލުގައި ފިރިހެން ދަރިއަކު އޭނާގެ ވިޔަފާރީގެ ތަނބުތައް ކޮޅަށް ޖަހައި ހިފެހެއްޓޭނެ ޒިންމާދާރު ފިރިހެންދަރިއެވެ. އެ އުއްމީދު ފަނޑުވީ ދެވަނައަށް ވެސް ޢާއިލާއަށް މަރުޙަބާ ކީ ދަރިފުޅުގެ ސަބަބުންނެވެ.
އެހެނަސް ފަޒޫ ދެވަނަ ފަހަރަށް ވިހެއީވެސް ހަމައަންހެން ކުއްޖެކެވެ. ނަޝީދުގެ އުއްމީދު ގެއްލި ފަޒޫދެކެ ރުޅިއަންނަގޮތްވީ އެސަބަބައް ޓަކައިއެވެ. އޭނާ ކުށްވެރި ކުރަން ފެށީއެވެ. ސާރާގެ އުފަން ދުވަހު ފަޒުނާ އެދުނީ އޭނާއާ ކައިވެނި ރުޖޫޢަކޮށް އަލުން ގުޅޭށެވެ. އޭނާއަށް އެކުރެވުނު ސުވާލުން ނަޝީދު އެކަމަށް ވަގުތު ފާއިތުވެއްޖެކަން ހާމަކޮށްލީ އޭނާ އެހެން ދިރިއުޅުމެއް ފެށިވާހަކަ ބުނެފައެވެ.
ދެމަފިރިން މެދުގައި ކުރި ޒުވާބުގައި ފަޒޫ ކަންފަތްދޮށުގައި ސިއްރުން އޭނާ ބުނެލި ބަހަކީ ފަޒޫ ހިތުން ފިލައިގެން ނުދާނެ ހަތިޔާރެކެވެ. ސާރާއަށް ފެނުނީ މަންމަގެ ލޯބޮޑުވެ އަނގައިން ބަސްހުއްޓުނު މަންޒަރެވެ. ބައްޕަ ބުނީ ކީކޭ ހެއްޔެވެ؟ އެރޭ ނަޝީދު ސިއްރުން ބުނެލިއެވެ.
ނަޝީދު: ކަލެއަކަށް އަންހެން ދަރިން ނޫނީ ވިހާކަށް ނޭނގޭތަ؟ އަހަރެންނަށް ފިރިހެން ދަރިއަކު ހޯދާދޭން ކަލެއަށް ނޭނގޭކަން ޔަޤީންވެއްޖެ. ތިއިނީ ވަރިކޮށްފަ ކަން ހަނދާން ނައްތާނުލާ. އަވަހަށް ދަރިން ގޮވައިގެން ރަށަށްދާންއުޅޭ. އަހަރެން އެހެން މީހަކާ އިނދެގެން މި އުޅެނީ.
ފަޒޫއަށް ބަލާލެވުނެވެ.
އެއްކަލަ ރޭގައި ގަމީހުގައި އުނގުޅިފައިވާ ރަތްކުލައިގެ ނިޝާނަކީ އަދު އެކަމެއްގެ ހެކި ފާޅުވާން ޖެހިފައިވާ ލަކުނެއްފަދައެވެ. އޭނާ މެލޭޝިއާއަށް ގޮސް އައިފަހުން އެހާ އުފަލުން ހުރީ އެއިރު ނަޝީދުއައީ ދެއަންބައް އެހެން މީހަކާ އިނދެގެނެވެ.
އެދުވަސްތަކުގައި އޭނާ ހިތްއުފަލުން ފޮޅިފައި ހުރީ ދެވަނަ އަނބިމީހާއަކީ އޭނާއަށް ފިރިހެން ދަރިން ހޯދާދައިދޭން ލިބުނު ރަނުގެ ފުރަސަތުކަމަށް ހިތައެވެ. ނަޝީދު ނަޒަރުގައި އަންހެންދަރިން ފަރާތުން އެހީތަކެއް ފައިދާއެއް ނުލިބޭނެއެވެ. ކޮންމެވެސް ދުވަހަކުން އަންހެން ދަރީން މީހުނާ އިނދެގެން ގެއިން ހިނގައިދާނެއެވެ.
ނަޝީދު އެހެން އަންހެނަކާ ލޯބީގެ ގޮތުން ގުޅި ދެއަނތްްބަށް ކައިވެނި ކުރަން ބޭނުން ވިއަސް ފަޒޫއާ އިނދެގެން ހުރެ އެކަން އެހެން ވާންނެތީމައި އޭނާ ބޭނުންވީ ފަޒުނާއާ ގުޅިލާމެހިފައިވާ ސޮފްހާތައް ލައްޕާލައި އެހެން ހަޔާތަކުން އައު ފެށުމެއް ފަށައިގެން އެދިރިއުޅުން ކުރިއަށް މިސްރާބު ޖަހާލާށެވެ. އެހެނަސް ނަޝީދު އުއްމީދު ކުރިގޮތަކަށް އެއްވެސް ކަމެއް ނުވިއެވެ. އޭނާއަށް ކައިވެނި ކުރެވުނީ އެއްވެސް އުޅުމެއްނެތް އަންހެނަކާއެވެ.
އެއަންހެންމީހާ ތިން ވަނަފަހަރަށް ބަލިވެއިނުމުން ވެސް ނަޝީދަށް އޮޅުވާލައިގެން ބާރުގަދަ ބޭސްތައް ބޭނުން ކޮށްގެން ބައިގެން ދިިއައީއެވެ. އެއިން ކޮންމެ ފަހަރަކުވެސް ހައުލާ ހެދިގޮތާ ކުރި ކަންތައް ފަޅާއެރިއެވެ. ރެއާ ދުވާލު އޮފީހުގައި އަވަދިނެތި އޭނާ ބުރަކޮށް އުޅެމުން ގެއަށް އަންނައިރުވެސް މޭޒުމަށްޗަށް ބޯފެންފޮދުވެސް ބަހައްޓާނުލެވޭ ހައުލާގެ ކަމަކީ ހަތަރުދަމު ސޯފާގައި އޮވެ ޓީވީބެލުމާ ހިންދީ ޑްރާމާތަކަށް މޮޅު ވާހަކަ ދެއްކުމާ ފާޑުކިޔުމެވެ.
މިހެން އަހަރުތަކެއްގައި އުޅުމަށް ފަހުގައި ނަޝީދަށް ކެތްނުވާ ހިސާބައް ދިޔައީ އެއްރެއަކު އޮފީހުން އާދެވުނު ދުވަހެއްގައި ހައުލާ އޭނާގެ ވަގުލޯބިވެރިޔަކު ކޮޓަރިއަށް ވައްދައިގެން އޮތްކަން ފަޅާއެރި ހިސާބުންނެވެ.
=ނުނިމޭ=

