ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ މެޗުގައި މިޞްރުގެ މައްޗަށް 3-2 އިން އާޖެންޓީނާ ކުރިހޯދައިފިއެވެ.
ނަމަވެސް މި މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމި ނިންމުންތަކަކާ ގުޅިގެން، މިއީ ފީފާގެ އެހީތެރިކަމާ އެކު އާޖެންޓީނާ ހޯދި މޮޅެއް ކަމަށް ބުނެ ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.
އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި މިޞްރުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި މަރަވާން އަތިއްޔާ ނަގައިދިން ހުރަހަކުން ޔާސިރު އިބްރާހީމް ވަނީ ބޮލުން ލަނޑެއް ޖަހައި މިޞްރަށް ލީޑު ނަގައިދީފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ގައުމުގެ ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ޕެނަލްޓީ މިޞްރުގެ ކީޕަރު މުސްތަފާ ޝުބައިރު ވަނީ ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.
މެޗުގެ ފޯރިގަދަވެގެން ދިޔައީ 67 ވަނަ މިނެޓުގައި މިޞްރުގެ މުސްތަފާ ޒީކޯ ލަނޑެއް ޖަހައި 2-0 އަށް ނަތީޖާ ބަދަލުކޮށްލި ހިސާބުންނެވެ. ނަމަވެސް، މި ލަނޑު ޖެހުމުގެ ކުރިން މާ ދުރުގައި ހިނގި ފައުލަކާ ގުޅިގެން ވީއޭއާރް އިން ވަނީ މި ލަނޑު ބާތިލުކޮށްފައެވެ. ފޮކްސް ސްޕޯޓްސްގެ ކޮމެންޓޭޓަރުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މިއީ އާޖެންޓީނާ މުބާރާތުން ކެޓިޔަނުދީ “ސަލާމަތްކުރުމަށް” ފީފާ އިން ނިންމި ނިންމުމެއް ކަމަށެވެ.
މި ހާދިސާއަށް ފަހު، މެޗުގެ 79 ވަނަ މިނެޓުގައި މެސީ ނަގައިދިން ހުރަހަކުން ކްރިސްޓިއަން ރޮމޭރޯ ވަނީ އާޖެންޓީނާގެ ފުރަތަމަ ލަނޑު ޖަހައިދީފައެވެ. އޭގެ ހަތަރު މިނެޓު ފަހުން، 83 ވަނަ މިނެޓުގައި މެސީ ވަނީ ލަނޑެއް ޖަހައި ނަތީޖާ 2-2 އަށް އެއްވަރުކޮށްފައެވެ. އާޖެންޓީނާ މޮޅުވި ލަނޑު ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގެ 93 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒްއެވެ. މި ގޯލް ޖެހުމުގެ ކުރިން އާޖެންޓީނާ ޓީމުން ވަނީ 2 ފައުލު ކޮށްފައެވެ. ނަމަވެސް ވީއޭއާރުން މި ފައުލެއް ނުބަލައެވެ.
މި މޮޅާ އެކު އާޖެންޓީނާ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ކުއާޓާ ފައިނަލުގައި އާޖެންޓީނާ ބައްދަލުކުރާނީ ސްވިޒަލޭންޑް ނުވަތަ ކޮލަމްބިއާއާއެވެ.

