އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ ކުރިއެރުން ބިނާވެފައިވަނީ އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ މައްޗަށް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ “ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވަރނެންސް” ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި، އޭއައިގެ ދާއިރާއިން ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ ގައުމުތަކުން، މި ޓެކްނޮލޮޖީއަކީ ހުރިހާ އެންމެންނަށްވެސް އޭގެ މަންފާ އެންމެ އެދެވޭ ގޮތުގައި ލިބޭނެ ފަދަ ނިޒާމެއްގެ ތެރެއިން ބައްޓަންކުރުމަށް ގޮވާލެއްވިއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އޭއައިގެ ކުރިއެރުން ބިނާވާންޖެހެނީ ހަމައެކަނި ބާރުގަދަ ފަރާތްތަކަށް ބޭނުންކުރެވޭ މޮޅެތި ސިސްޓަމްތަކެއްގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި އާދައިގެ ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަކީ މިކަމުގެ އަސާސް ކަމުގައި ވިދާޅުވިއެވެ.
ރާއްޖޭގެ ޖިއޮގްރަފީ އުފެދިފައިވާ ގޮތުން ޚިދުމަތްތައް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ވެރިކަންކުރާ ރަށާ ހުރި ދުރުމިނެއްގެ ސަބަބުން ޚިދުމަތުގެ ފެންވަރަށް ބަދަލު އައިސްގެން ނުވާނެ ކަމަށެވެ. އެހެންކަމުން “މޯލްޑިވްސް 2.0” އިސްތިރާތީޖީގެ ދަށުން ރާއްޖެއިން މަސައްކަތް ކުރަމުންދަނީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް ދިނުމުގައި އިންގިލާބީ ބަދަލެއް ގެނައުމަށެވެ. މި މަސައްކަތްތައް ބިނާކުރަނީ ސައިބަރ ސެކިއުރިޓީއާއި، މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ޒިންމާދާރު ނިޒާމެއްގެ މައްޗަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް ބައްލަވާލައްވަމުން، ޔުނެސްކޯއާ ގުޅިގެން ރާއްޖޭގެ ފުރަތަމަ އޭއައި ރެޑިނެސް އެސެސްމަންޓް ނިންމާފައިވާކަމާއި، “މޯލްޑިވްސް އޭއައި ލެބް” ގާއިމުކޮށްފައިވާކަން ވަޒީރު އިއުލާންކުރެއްވިއެވެ. ވަޒީރު ވިދާޅުވީ އޭއައިއާ ނުލާ ޚިދުމަތްތަކުގެ ހަމަހަމަކަން ކަށަވަރުކުރުމަށް ބޮޑެތި ހުރަސްތަކެއް ހުރި ކަމަށެވެ.
ރާއްޖޭގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ވަޒީރު ވަނީ ތިން ދާއިރާއަކުން އިސްކަންދިނުމަށް ހުށަހަޅުއްވާފައެވެ. އެއީ ހަމައެކަނި އެޕްލިކޭޝަންތަކަށް އިންވެސްޓްކުރުމުގެ ބަދަލުގައި މުޅި އޭއައި އިކޯސިސްޓަމް ބިނާކުރުމަށް އިންވެސްޓްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އިންސާނީ ވަސީލަތް ތަރައްގީކުރުމެވެ. އަދި ހުރިހާ ދާއިރާއެއް ގުޅިގެން މަޢުލޫމާތު ހިއްސާކުރެވޭނެ ހަރުދަނާ ނިޒާމެއް އޮތުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
ވަޒީރު އިޙްސާންގެ ވާހަކަފުޅު ނިންމަވާލެއްވީ، އޭއައި ޓެކްނޮލޮޖީގެ ރޭހުގައި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، ރާއްޖެއިން ވަކާލާތު ކުރަނީ ހުރިހާ އެންމެންގެ ހައްގުގައި، ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް ކަމަށް ވިދާޅުވަމުންނެވެ.

