ރާއްޖޭގައި ހިމަބިހި (މީސްލްސް) ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެ އެޖެންސީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 121 މީހަކަށް މި ބަލި ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 55 ކޭސް ވަނީ ފެނިފައެވެ. މި ބައްޔަކީ ވައިގެ ޒަރިއްޔާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވާތީ، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ، އެއީ ހިމަބިހީގެ އަލާމާތަކަށް ވެދާނެތީ، އެފަދަ މީހުން ޑޮކްޓަރަށް ދައްކަން ދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ. އަދި ބައްޔަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެހެން މީހުންނާ އެކަހެރިވެގެން ތިބުމަށާއި، ބަލީގެ އަލާމާތްތައް ހުންނަ މީހުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އަންގާފައެވެ.
ހިމަބިއްސަކީ “މީސްލްސް ވައިރަސް” ގެ ސަބަބުން ޖެހޭ، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. ބަލިޖެހިފައިވާ މީހާ ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި ވައިގެ ތެރެއަށް ބޭރުވާ ވައިރަސްތައް ނޭވާލުމުގެ ޒަރިއްޔާއިން އެހެން މީހުންގެ ހަށިގަނޑަށް ވާސިލުވެއެވެ. ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ބަލިޖެހިފައިވާ މީހަކާ އެކު އުޅޭ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. މި ބަލި އާންމުކޮށް ކުޑަކުދިންނަށް ޖެހުނު ނަމަވެސް، ކޮންމެ އުމުރެއްގެ މީހަކަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.
މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ފަހި މަގަކީ ވެކްސިން ޖެހުމެވެ. ރާއްޖޭގެ ގައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން، ކުއްޖާގެ އުމުރުން 9 މަހުގައި އެމްއާރު ވެކްސިން ދެމުން ގެންދެއެވެ. މީގެ އިތުރުން އެމްއެމްއާރު ވެކްސިން ވެސް ގަވާއިދުން ދެމުންދާއިރު، މި ވެކްސިންތަކަކީ ހިމަބިއްސާއި ރުބެއްލާ ފަދަ ބަލިތަކުން ދިފާއުކޮށްދޭ މުހިންމު ވަސީލަތެކެވެ. އެހެންކަމުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް ސިއްހީ އިދާރާތަކުން ބާރުއަޅައެވެ.

