އަނދުންހުލި، އަނދުންހުއްޔަކީ ލޮލުގެ ބޮޑީގައި ނަގާ ރަތްކުލައިގެ ރިހުމެއް ހުންނަ ގޮށެއް ނުވަތަ ބިއްސެކެވެ. މިއީ އާންމުކޮށް ގިނަ ބަޔަކަށް ދިމާވާ ސިއްހީ މައްސަލައެކެވެ. މިއީ އާންމުގޮތެއްގައި ނުރައްކާތެރި ކަމަކަށް ނުވިޔަސް، މިކަމުގެ ސަބަބުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެދާނެތީ، މިކަމުން އަވަހަށް މިންޖުވުމަށްޓަކައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ހުރެއެވެ. އަނދުންހުލި އާންމުކޮށް ނަގަނީ ލޮލުގެ އެސްފިޔަތަކުގެ ބުޑުގައި ނުވަތަ ލޮލުގެ ރަވައިގައި ނުވަތަ ލޮލުގެ ބޮޑީގައެވެ.
އަނދުންހުލި ނެގުމަށް މެދުވެރިވާ ސަބަބުތަކާއި އޭގެ އަލާމާތްތައް
އަނދުންހުލި ނެގުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ ބެކްޓީރިޔާގެ އިންފެކްޝަން:. ލޮލުގައި އަނދުންހުލި ނެގުމަކީ ލޮލުގެ ބޮނޑީގައި ހުންނަ ތެޔޮ އުފައްދާ ކުދި ގްލޭންޑްތަކެއްގައި ބެކްޓީރިއާގެ ސަބަބުން އިންފެކްޝަން އުފެދުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މެޑިކަލް ބަހުން "ހޯޑިއޯލަމް" (hordeolum) ގެ ނަމުން ނަންދެވިފައިވާ މި ހާލަތު އާންމުކޮށް މެދުވެރިވަނީ "ސްޓެފިލޮކޮކަސް" ނަމަކަށް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުންނެވެ. މި ބެކްޓީރިއާއަކީ އާންމު ހާލަތްތަކުގައި ހަމުގެ މަތީގައި ނުރައްކަލެއް ނެތި ދިރިއުޅޭ އެއްޗެއް ނަމަވެސް، ލޮލުގެ ބޮނޑީގައިވާ ތެޔޮ ހޮޅިއެއް ބެދިއްޖެ ހާލަތެއްގައި އޭގެ ތެރެއަށް މި ބެކްޓީރިއާ ވަދެ އިންފެކްޝަން އުފައްދައެވެ. މީގެ ސަބަބުން ލޮލުގެ ފިޔަގަނޑުގެ އެތެރެއިން ނުވަތަ ބޭރުން ރަތްވެ، ދުޅަވެ، ބިއްސެއްގެ ގޮތަށް އުފެދެއެވެ. މިއީ ބައެއް ފަހަރު އާދައިގެ ބިއްސެއްހެން ފެނުނު ކަމުގައި ވިޔަސް، އޭގައި ދޮސްލައި، އިންތިހާއަށް ތަދުވުމަކީ އެކަށީގެންވާ ކަމެކެވެ.
އަނދުންހުލި ނެގުމަށް މަގުފަހިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި:
އަތް ނުދޮވެ ލޮލުގައި އަތްލުމާއި، ނިދުމުގެ ކުރިން މޭކަޕް ރަނގަޅަށް ސާފުނުކުރުން
މުއްދަތު ހަމަވެފައިވާ މޭކަޕް ސާމާނު ބޭނުންކުރުން
ކޮންޓެކްޓް ލެންސް ސާފުނުކޮށް ބޭނުންކުރުން
"ބްލެފަރައިޓިސް" ނުވަތަ ލޮލުގެ ބޮނޑި ދާއިމީކޮށް ދުޅަވުމުގެ މައްސަލަ ހުންނަ މީހުންނާ
ހަށިގަނޑުގެ ދިފާއީ ބާރު ދެރަ މީހުން
ނަފްސާނީ ގޮތުން ބޮޑެތި ފިއްތުންތަކާ ކުރިމަތިވުން
ނިދި މަދުވުން: ނިދިމަދުވުމަކީ ވެސް ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކޮށްލާ ކަންކަން ކަމަށްވާތީ، ނުސީދާ ގޮތެއްގައި މިކަމުން އަނދުންހުލި ނެގުމަށް ބާރުއަޅައެވެ.
ރޯޒޭޝާކިޔާ ހަމުގެ ބައްޔެއް ހުރުން އަދި ހަކުރު ބަލި ޖެހުމަކީވެސް އަނދުންހުލި ނެގުމަށް ދިމާވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އަދި ހަމައެހެންމެ ސެބޯރިކް ޑާމަރޓައިޓިސް ކިޔާ ހަމުގެ ބައްޔެއް ހުންނަނަމަވެސް އަނދުންހުލި ނަގައިފާނެއެވެ.
އަނދުންހުލި ނެގުމުން ފެންނަ އަލާމާތްތަކަށް ބަލާއިރު،
އެންމެ ފުރަތަމަ ފާހަގަވާނީ ލޮލުގެ ބޮނޑީގެ ވަކި ހިސާބެއްގައި އަތްލުމުން ތަދުވުން.
ލޮލުގެ ބޮނޑި ރަތްވެ، ދުޅަވާން ފެށުން
ބައެއް ފަހަރު މުޅި ލޮލުގެބޮނޑީގަ އެކުގައި ދުޅަވުމަކީ ވެސް ވެދާނެ ގޮތެއް.
ލޮލުން ފެން އައުން،
ލޮލަށް ކޮންމެވެސް އެއްޗެއް ވަދެގެން އުޅޭ ކަހަލަ އިހުސާސެއް ކުރެވުން،
އަލިގަދަ ތަންތަނަށް ބަލަން އުނދަގޫވުން.
ގިނަ ފަހަރަށް މިއީ އެއް ލޮލަށް ދިމާވާ ކަމެއް ނަމަވެސް، އެއްފަހަރާ ދެ ލޮލުގައި ވެސް ނުވަތަ އެއް ލޮލުގެ އެކި ހިސާބުތަކުގައި ވެސް އަނދުންހުލި ނެގުން އެކަށީގެންވެއެވެ. މިފަދަ އަލާމާތްތަކަށް ސަމާލުވެ، ކުރީބައިގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ.މި ބިހީގެ މެދުގައި ރީނދޫ ނުވަތަ ހުދު ކުލައިގެ މަޑުކޮޅެއް، ފެންނަން ހުރެދާނެއެވެ.
ގޭގައި ދެވޭނެ ފަރުވާ، ރައްކާތެރިކަން އަދި ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް
ލޮލުގައި އަނދުންހުލި ނެގުމުން ގޭގައި ދެވިދާނެ އެންމެ ފައިދާހުރި ފަރުވާ؛ ހޫނު ފެނުން ފޮތިގަނޑެއް ތެންމައިގެން ލޮލުގައި އެޅުން.
ސާފު ފޮތިކޮޅެއް ތާފަނާ ފެނުން ތެންމައި، ލޮލުގެ މަތީގައި 10 އާއި 15 މިނެޓާ ދެމެދު ބާއްވާށެވެ. ދުވާލަކު 3 ފަހަރާއި 6 ފަހަރާ ދެމެދު މިހެން ހެދުމުން، ބެދިފައިވާ ތެޔޮ ހޮޅިތައް ހުޅުވި، އޭގެ ތެރޭގައި ހުންނަ މަޑު ނުވަތަ ދޮސް ފަސޭހައިން ބޭރުވުމަށް އެހީތެރިވެދެއެވެ. ހޫނު ފެނުގެ ފަރުވާއަށްފަހު، ސާފު އިނގިލިތަކުން ލޮލުގެ ބޮނޑި މަޑުމަޑުން މަސާޖުކޮށްލުމަކީ ވެސް ދޮސް ބޭރުވުމަށް މަގުފަހިވާނެ ކަމެކެވެ. ނަމަވެސް އެއްވެސް ހާލެއްގައި އަނދުންހުލި ފިއްތައި، ފަޅާލައިގެން ނުވާނެއެވެ. އެހެނީ އޭގެ ސަބަބުން އިންފެކްޝަން ލޮލުގެ އެހެން ހިސާބުތަކަށް ފެތުރި، މައްސަލަ އިތުރަށް ގޯސްވެދާނެތީއެވެ. ލޮލުގެ ސާފުތާހިރުކަމަށް މި ދުވަސްވަރު ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެއެވެ.
އަނދުންހުލި ފަސޭހަވަންދެން މޭކަޕް ބޭނުންކުރުމާއި، ކޮންޓެކްޓް ލެންސް ލެއްވުމުން ދުރުހެލިވާންޖެހެއެވެ. މޭކަޕްގެ ސަބަބުން އިންފެކްޝަން ބޮޑުވެ، ބެކްޓީރިއާ ފެތުރުމުގެ ފުރުސަތު އޮވެއެވެ. އަދި ލެންސް ބޭނުންކުރުމުން ބެކްޓީރިއާ ލެންސްގައި ތަތްވެ، ފަހުން ވެސް ލޮލަށް އުނދަގޫތައް މެދުވެރިވެދާނެއެވެ.
އާންމުގޮތެއްގައި ހަފުތާއެއް ނުވަތަ ދެ ހަފުތާ ތެރޭގައި އަނދުންހުލި އަމިއްލައަށް ރަނގަޅުވެއެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިގޮތުން ދެ ހަފުތާ ވާއިރުވެސް ރަނގަޅު ނުވުމާއި، ދުޅަގަނޑު މާ ބޮޑަށް ބޮޑުވެ ލޯ މުޅިން ބެދުމާއި، ލޮލުގެ ފެނުމަށް ބަދަލު އައުމާއި، ނުވަތަ މޫނުގެ އެހެން ހިސާބުތަކަށް ރަތްކަން ފެތުރޭނަމަ ލަސްނުކޮށް ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދައްކަންވާނެއެވެ. ޑޮކްޓަރުން ބައެއް ފަހަރު އެންޓިބަޔޮޓިކް އައި-ޑްރޮޕްސް ނުވަތަ ކްރީމް ބޭނުންކުރުމަށް އިރުޝާދު ދެއްވާނެއެވެ.
މިކަމުން ރައްކާތެރިވުމަށްޓަކައި އަތްދޮވުމުގެ އާދަ އަށަގަންނަވަން ޖެހެއެވެ. ހާއްސަކޮށް ލޮލުގައި އަތްލުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަކީ އެންމެ މުހިންމު ފިޔަވަޅެވެ. މީގެ އިތުރުން، އެހެން މީހުން ބޭނުންކުރާ ތުވާލި ނުވަތަ މޭކަޕް ސާމާނު ބޭނުންނުކުރުމާއި، މޭކަޕް ބުރުސް ފަދަ ތަކެތި ގަވާއިދުން ސާފުކުރުމަކީ ބެކްޓީރިއާ ފެތުރުން ހުއްޓުވޭނެ ގޮތްތަކެވެ. އަދި ނިދުމުގެ ކުރިން ކޮންމެ ރެއަކު މޫނާއި ލޯ ރަނގަޅަށް ދޮވެ ސާފުކުރުމަކީ ލޮލުގެ ފިޔަގަނޑުގައި ހުންނަ ތެޔޮ ހޮޅިތައް ބެދުމުން ސަލާމަތްކޮށްދޭނެ ކަމެކެވެ. އަނދުންހުލިއަކީ ނުރައްކާތެރި ބައްޔަކަށް ނުވިޔަސް، މިއީ ސާފުތާހިރުކަމަށް ދޭންޖެހޭ ސަމާލުކަން އިތުރުކުރުމަށް ލިބޭ އިންޒާރެކެވެ. ރަނގަޅު އާދަތަކާއެކު ލޮލުގެ ސިއްހަތު ރައްކާތެރިކުރުމަކީ މުސްތަގުބަލުގައި މިފަދަ އުނދަގޫތަކުން ސަލާމަތްވުމަށް އޮތް އެންމެ ކުރު މަގެވެ.

