ރާއްޖޭގެ ސިއްހީ ހިދުމަތްތައް ފުޅާކޮށް، އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށްޓަކައި މިވަގުތު މުޅި ރާއްޖޭގައި 166 މަޝްރޫއެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން ސަރުކާރުން ހާމަކޮށްފިއެވެ. މި މަޝްރޫއުތަކަކީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަސައްކަތެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވީ، ސިއްހީ ދާއިރާއަކީ މިހާރުވެސް އުމްރާނީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިނގަމުންދާ އެއް ދާއިރާ ކަމަށެވެ. މީގެ ތެރޭގައި ސަރުކާރުގެ ބަޖެޓުން ސީދާ ހަރަދުކޮށްގެން ހިންގާ މަސައްކަތްތަކާއި، އެކި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތައް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“ސިއްހީ ދާއިރާއަކީ މިހާރުވެސް އެންމެ ގިނަ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓުތައް ފަށައިގެން ކުރިޔަށް ގެންދާ އެއް ދާއިރާ. އަޅުގަނޑުމެން މިހާރުވެސް ބަލަހައްޓަމުން ގެންދަވާ، ޖުމްލަކޮށް ދަންނަވާނަމަ 166 އުމްރާނީ ތަފާތު ޕްރޮޖެކްޓުގެ މަސައްކަތްތައް އެކި ސްޓޭޖްތަކުގައި ކުރިޔަށް އެބަ ގެންދެވޭ،” ވަޒީރު ގީލާ ވިދާޅުވިއެވެ.
މި މަޝްރޫއުތަކުގެ ތެރެއިން މިހާރު އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ ރަށްރަށުގައި އެމްއާރްއައި މެޝިން ބެހެއްޓުމަށް ބޭނުންވާ އިމާރާތްތައް ތައްޔާރުކުރުމާއި، އެކަމަށް ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމަށެވެ. މީގެ އިތުރުން މީގެ ކުރިން ދަތުގެ ފަރުވާއާއި ޑަޔަލަސިސްގެ ހިދުމަތް ނުލިބޭ ރަށްތަކުގައި އެ ހިދުމަތްތައް ގާއިމުކުރުމާއި، ސީޓީ ސްކޭންގެ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސިއްހީ ދާއިރާގެ ބިނާރުތައް ވަރުގަދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން މިއަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް މި ދާއިރާއަށް ބޮޑު އިސްކަމެއް ދީފައިވާކަން ފާހަގަކުރެވެއެވެ. ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ބޮޑެތި މަޝްރޫއުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމުމަށް ތާވަލުކޮށްފައިވާއިރު، ކުދި މަޝްރޫއުތައް އެއަށްވުރެ މާ އަވަހަށް ނިމި ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެއެވެ.

