މިއަދު ފާހަގަކުރަމުންދާ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަޙުނިޔާ، ފަންނާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދު، ދިވެހި ލިޔުންތެރިންނަށް ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަޒީރު ހީނާ ވިދާޅުވީ ދިވެހި ލިޔުންތެރިންނަކީ “އަލްއިޞްލާޙު”ގެ އިލްމީ މަޒުމޫނުތަކުން ގައުމު ހޭލުންތެރިކުރުވައި، “ވާހަކަ ކޮމިޓީ”ގެ އުފެއްދުންތެރިކަމުން ދިވެހިންގެ ކިޔުންތެރިކަމަށް ހިތްވަރުދެއްވައި، ތަހުޒީބީ ފިކުރާއި ގައުމިއްޔަތުގެ ރޫހު ދިވެހި ދަރިންގެ ހިތްތަކުގައި އަށަގެންނެވި ބައެއްކަމަށެވެ. އަދި އެއީ އެ ކޮންމެ ލިޔުންތެރިއަކު ވެސް ޒިންމާ އަދާކުރައްވައި، “އަމާނާތްތެރި ލިޔުންތެރިއަކަށް ވަމާ ހޭ” މިފަދައިން ވިދާޅުވެ، ލިޔުންތެރިން އެ އަމާނާތް އަދާކުރައްވާކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ލިޔުންތެރިންގެ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާ އެ ލިޔުންތެރިންނަށް ތައުރީފުކުރައްވަމުން ވަޒީރު ވިދާޅުވީ، ދިވެހި ލިޔުންތެރިންނަކީ ތަހުޒީބީ ފިކުރާއި ގައުމިއްޔަތުގެ ރޫހު ދަރިންގެ ހިތްތަކުގައި އަށަގެންނެވި ބައެއްކަމަށް ކަމަށެވެ.
ވަޒީރު ހީނާ ވަނީ ދިވެހި ލިޔުންތެރިކަމަށް އާރޯކަމަށް އެދިވަޑަިއގެން ދިވެހި ކިޔުންތެރިކަން ކުރިއެރުމަށްވެސް އެދިފައެވެ.
ދިވެހި ތާރީޚަށް ބަލާއިރު، ދިވެހި ގައުމު ބިނާކުރުމުގައި ލިޔުންތެރިން ވަނީ ނުހަނު ޒިންމާދާރު އަދި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ދީނީ ޢިލްމުވެރިން ދީނީ ރޮނގުންނާއި، އަދަބީ ޢިލްމުވެރިން އަދަބީ ރޮނގުންނާއި، ތާރީޚު ޢިލްމުވެރިން ތާރީޚީ ރޮނގުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ނޫސްވެރިންނާއި ސިޔާސީ ބޭފުޅުން ވެސް ލިޔުންތެރިކަމުގެ ޒަރީޢާއިން ގައުމުގެ ހޭލުންތެރިކަމާއި ތަރައްގީއަށް މުހިންމު ޚިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.

