މޯލްޑިވަސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އަށް ދުވާލަކަށް 50 ޓަނުގެ މަސް ކިރުވަން ފަށައިފި ކަމަށް ހާމަކުރައްވައިފިއެވެ.
ޖޫން މަހު މަސްވެރިކަން ދަށްވުމަށްފަހު މިހާރު މަސްވެރިކަން ރަނގަޅުވާން ފަށާފައިވާ ކަމަށް މިފްކޯއިން ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން އެވަރޭޖް ގޮތެއްގައި މިހާރު ދުވާލެއްގެ މައްޗަށް 50 މެޓްރިކް ޓަނުގެ މަސް ކިރުވަމުން ދާކަމަށް އެކުންފުނިން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިއަދަދު މިއަށްވުރެ އިތުރުވާނެ ކަމަށް އެކުންފުނިން ލަފާކުރެއެވެ. މިވަގުތު މަސްވެރިކަން އެންމެ ރަނގަޅީ، ޅ.އަތޮޅު ހިމެނޭ ސަރަހައްދުން ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
މިފްކޯގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިދިޔަ ޖޫން މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް މަސްވެރިންނަށް ދޫކުރި ފައިސާ ހުރީ 1 މިލިޔަން ރުފިޔާ އަށްވުރެ ދަށުގައެވެ. ޖޫން މަހު ބައެއް ދުވަސްތަކުގައި ބޭނި މަހަށް 200،000 އެއްހައި ރުފިޔާވެސް ދޫކޮށްފައިވެއެވެ.
އެންވެރިކަން ދަށްވުމުން، ރާއްޖޭގެ މަސްވެރިކަން ދަށަށް ގޮސްފައިވީ ނަމަވެސް އިނގިރޭސިވިލާތުން ރާއްޖޭގެ ކަނޑުމަހަށް ޓެރިފް ނެގުން މެދުކަނޑާލުމާއެކު މިފްކޯއިން ވަނީ، އެކުންފުންޏަށް މަސްގަންނަ އަގު މަތިކޮށްފައެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިފްކޯގެ ބަނދަރުތަކުން ދަނީ، ކިލޯއަކަށް 20ރ. މަގުން މަސް ގަންނަމުންނެވެ.

