ދިވެހި ލިޔުންތެރިންނަކީ ޤައުމަށް ފާގަތިކަން ލިބޭނެ މަގުން ލިޔުންތެރިކަން ބައްޓަންކުރާ، ޤައުމުދެކެ ލޯބިވާ އަމާނާތްތެރި ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
ލިޔުންތެރިކަމަކީ އިސްލާމީ އަސާސެއް
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރެއްވި ގޮތުގައި، މާތްވެގެންވާ އިސްލާމްދީނަކީ އުނގަންނައިދިނުމާއި، ތެދު މަޢުލޫމާތު ފެތުރުމުގެ އިތުރުން ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެކެވެ. އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިއަކުވެސް ޙައްޤުބަސް ފެތުރުމަށާއި، މުޚާޠަބުކުރުމުގައި ރީތި އަދަބުތައް އިސްކުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.
މީގެއިތުރުން، މިއަދާއި މާދަމާގެ ޖީލުތަކަށް ލާބަޔާއި މަންފާކުރާނެ ފަދަ ހެޔޮ ވިސްނުންތަކާއި ފިކުރުތައް މުޖުތަމައުގެ ތެރޭގައި ފެތުރުމަށް ލިޔުންތެރިން އިސްކަންދިނުމަށް ރައީސް ބާރުއެޅުއްވިއެވެ. “ދިވެހި ލިޔުންތެރިން ވާންޖެހޭނީ، މި ޤައުމު އަބަދުމެ ފަޚުރުވެރިވާނެ މި ޤައުމަށް ފާގަތިވާނެ ގޮތަށް ލިޔާ އަމާނާތްތެެރި ޤައުމުދެކެ ލޯބިވާ ބަޔަކަށް” ކަމަށް ރައީސް ވިދާޅުވިއެވެ.
ލިޔުންތެރިންގެ ދުވަހުގެ ތާރީޚީ ފަސްމަންޒަރު
ރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މި ތާރީޚު ޚާއްޞަވަނީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެރުނު މަޖައްލާ ކަމަށްވާ “އަލްއިޞްލާޙު” 1933 ވަނަ އަހަރުގެ ޖުލައި 8 ގައި ޝާއިޢުކުރަން ފެށުމާ ގުޅިގެންނެވެ.
ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު، ޤައުމު ބިނާކުރުމުގައި ލިޔުންތެރިން ވަނީ ނުހަނު މުހިންމު ޒިންމާތަކެއް އަދާކުރައްވާފައެވެ. އޭގެ ތެރޭގައި ދީނީ ޢިލްމުވެރިންނާއި، އަދަބީ އަދި ތާރީޚީ ޢިލްމުވެރިންގެ އިތުރުން ނޫސްވެރިންނާއި ސިޔާސީ ބޭފުޅުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މި ހުރިހާ ދާއިރާއަކުންވެސް ލިޔުންތެރިން މަސައްކަތް ކުރައްވާފައިވަނީ ޤައުމީ ތަރައްޤީއާއި އިލްމީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައެވެ.

