އެކި ސަބަބުތަކާ ހުރެ ބުރިޖުގެ މަސައްކަތް ލަސްވި ނަމަވެސް، ސަރުކާރުގެ މިހާރުގެ އަންދާޒާއަކީ 2027ވަނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫޢުގެ މަސައްކަތް ނިންމުން ކަމަށް ހާމަކުރައްވައިފިއެވެ.
ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މުޅި މަޝްރޫޢުގެ މަސައްކަތުގެ %74.90 މިހާތަނަށް ނިމިފައިވާ ކަމަށާ، މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ، ބްރިޖު ޑެކަށް ބޭނުންވާ ސެގްމަންޓުތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ.
ބްރިޖު ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓުގެ ތެރެއިން %90.4 ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. މީގެ ތެރެއިން %72.9 ސެގްމަންޓް، ބްރިޖުގެ ތަނބުތައް ގުޅާލުމަށް ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ.
މާލެ ސަރަޙައްދުގައި މިވަގުތު ކުރަމުންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަމުގައިވާ އެ ބުރިޖުގެ މަސައްކަތުގައި، ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިވަގުތު އެންމެ މުހިއްމުކަމެއް ދިގެން ކުރިއަށް ގެންދަނީ، ބްރިޖުގެ ތަނބުތައް ގުޅާލުމަށް އަޅާ ޑެކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.
އެގޮތުން މާލެ-ވިލިމާލެއާއި ދެމެދު ބްރިޖު ގުޅާލުމުގެ މަސައްކަތުގައި މިހާރު ނުނިމިވަނީ، ބްރިޖުގެ މެދުން ގުޅޭ ސެގްމަންޓް ޑެކްގެ މަސައްކަތް އެކަނިކަން ފާހަގަކޮށްލެވެއެވެ.
މި މަޝްރޫޢުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެއެވެ. މި ރަށްތަށް ހުރަސްކުރާނީ ހައިވޭތަކަކުންނެވެ. މި ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އެކުއެކީގައި ދަނީ ކުރިއަށް ގެންދަމުންނެވެ.
ގުޅިފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ.
މުޅި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު ހޭދަވާއިރު. އެއީ ރުފިޔާއިން ބަލާނަމަ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ، އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ. އަދި މި މަޝްރޫޢަށް ދިވެހި ސަރުކާރުންވެސް ޚަރަދު ކުރާނެއެވެ.

