ލޮލުގެ ފެނުން ގެއްލިފައިވާ ފިރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅާއެކު 3 އަންހެންކުދިން ބަލަހައްޓަމުން ދިޔަ ހީވާގި މައެއް، ސްޓްރޯކެއްގެ ސަބަބުން ބަލި އެނދުގައި އޮންނަތާ 10 އަހަރު ވެފައިވާއިރު، ދައުލަތުގެ އެހީތެރިކަން ނުލިބި އެ އާއިލާ ވަނީ އިންތިހާ އަށް ނިކަމެތި ހާލަތެއްގައެވެ. އައްޑޫ ސިޓީއަށް ނިސްބަތްވާ ޝާދިޔާގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، އާސަންދަ އާއި އެންސްޕާގެ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ އާއިލާއިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
މާލޭގައި ޕިކަޕް ދުއްވައިގެން އާއިލާ ބަލަހައްޓަމުން ދިޔަ އިބްރާހީމް މޫސާ (އިބްރާހީމްބެ) ގެ ލޮލުގެ ފެނުން ގެއްލުނީ ލޮލަށް އަރާފައިވާ މަސްކޮޅެއް ނެގުމަށް ކުރި އޮޕަރޭޝަނަކަށް ފަހުގައެވެ. އެއަށްފަހު މުޅި އާއިލާގެ ޒިންމާ ނެގީ ޝާދިޔާއެވެ. ނަމަވެސް ޝާދިޔާއަށް ޖެހުނު ސްޓްރޯކަކާއެކު އޭނާގެ އެއްފަޅި ވާގިނެތި، މުޅި އާއިލާ ހާލުގައި ޖެހުނެވެ.
ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އެއްވެސް އެހީއެއް މިއަދާ ހަމައަށް ލިބިފައި ނުވާކަމަށް އިބްރާހިމްބެ ބުންޏެވެ. އެންމެ ކުޑަމިނުން ޝާދިޔާ އިށީނދެ އިންނަ ފުރޮޅުލީ ގޮނޑިއަކީވެސް ބޭސް ފިހާރައެއްގެ ވެރިއަކަށް އާދޭސްކޮށްގެން ހޯދާފައިވާއެއްޗެއް ކަމަށް އިބްރާހީމްބެ ބުންޏެވެ.
"މިހާރު ދެހަފުތާއެއްހާ ވަރު ވެއްޖެ އެއްވެސް އެއްޗެއް ނުކެވޭތާ، ފެންފޮދެއްހާ މިންވަރުވެސް ނުބޮވޭތާ، އެހެން ބާއްވައިގެން މަރުވާން ދޫކޮށެއްނުލެވޭނެ ނޫންތޯ، ލޯބިވާ އަނބިމީހާއަށްވުމުގެ އިތުރަށް އަޅުގަނޑުގެ ކުދިންގެ މަންމަ، މިރަށު އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިއުމުން އެނދުމަތިކޮށްފައި އައިވީ އެޅީ، ޓެސްޓެއް ހަދާފަ ބައްޔެއް ނެތޭ ބުނެފަ ގެއަށް ފޮނުވާލުުމުން ގެއަށް އައުން ނޫން ގޮތެއް ނެތީމަ ގެއަށް އައީ، ކުދިކުދި އެތިކޮޅުންވެސް ކާއެއްޗެއް ނުދިރޭ، މަދުމަދުން ދިޔާއެތި ފޮދުފޮދަށް ދެވޭތޯ ބަލަނީ، މިހާރު ދެން މާޔޫސްވާ ހިސާބަށް ދިޔައީ، އާސަންދަ އެންސްޕާ ރާއްޖެއިން ފަރުވާ ކުރެވޭނެކަމަށް ބުނެ އެހީތެރިކަމެއް ނުދޭ، ރާއްޖެއިން ފަރުވާ ކުރަން ދާން ޖެހެނީ މާލެއަށް، މާލެ ގޮސް ތިބެނީ ވަކި ކޮންތާކު، ޝާދިޔާއަށް ފަރުވާ ދެވެން އޮތީ ރާއްޖެއިން ވިޔަސް ރާއްޖެއިން ބޭރުން ވިޔަސް އެކަމަށް އެހީ ބޭނުންވޭ،"
އިބްރާހީމްބެ އެދެނީ މާލެއިން ފަރުވާ ހޯދުމަށް ނޫނީ ރާއްޖެއިން ބޭރަށް ދިއުމަށް ވިޔަސް ކޮންމެ ގޮތަކުން ވިޔަސް ޝާދިޔާއަށް ފަރުވާލިބި ތެދުވުމެވެ.
މި ދެމަފިރިންގެ ތިން ދަރިން ތިބިއިރު، އޭގެ ތެރެއިން ދޮށީ ދަރިފުޅަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ. ދެން ތިބި ދެ ކުދިންނަކީ އަދި 18 އަހަރު ނުފުރޭ ކުޑަކުދިންނެވެ. ލޮލަށް ނުފެންނަ ބައްޕައަކާއި، ވާގިނެތިފައިވާ މަންމައެއް އަދި ނުކުޅެދުންތެރިކަން ހުންނަ ދައްތައެއްްގެ ކަންކަން ބެލެހެއްޓުމުގައި އެ ކުޑަ ދެކުދިން އުފުލަމުންދަނީ ބަޔާންކުރަން ދަތި ތަކުލީފުތަކެކެވެ.
އަމިއްލަ އާމްދަނީއެއް ނެތް މި އާއިލާ މިހާރު ކައިބޮއެ އުޅެނީ ވެސް އާއިލާގެ އެހެން މީހުންގެ ކުޑަ އެހީތެރިކަމަކާއެކުގައެވެ.
އާންމުންގެ ދީލަތި އެހީތެރިކަމަށް އެދުން
ޝާދިޔާގެ ބައްޔަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނީ މީގެ ކުރިން ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި އިންޑިއާއަށް ކުރި ދަތުރަކުންނެވެ. އިންޑިއާގެ ޑޮކްޓަރުން ލަފާދީފައިވަނީ ކޮންމެ 6 މަހަކުން އެއްފަހަރު ބޭރަށް ގޮސް ފަރުވާ ހޯދުމަށެވެ. ނަމަވެސް މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އެ ދަތުރުތައް ވަނީ މެދުކެނޑިފައެވެ.
“އަޅުގަނޑުމެން ނިކަމެތިން ކިހިނެއްތޯ ހަދާނީ، މިހާރު ވަރަށް ހާލުދެރަ، އަޅުގަނޑުގެ އަނބިމީހާގެ ފަރުވާއަށް ކޮންމެވެސް ވަރެއްގެ އެހީތެރިވެދެއްވުން އެދި އާދޭސް ދަންނަވަން،" އިބްރާހީމްބެ ރޮވިފައި ބުންޏެވެ.
މި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މިވާ މައުލޫމާތަށް ބަލައިގެން ކުރިއަށް ދިއުން އެދެއެވެ. މިއީ މިއަދު އެންމެންގެ އެހީތެރިކަން އިންތިހާ އަށް ބޭނުންވެފައިވާ ނިކަމެތި އާއިލާއެކެވެ.
އެކައުންޓް ނަންބަރު: – 7708525273101 – Shadhiya Hassan / ޝާދިޔާ ހަސަން
ގުޅޭނެ ނަންބަރ: – 7607740 / 7615838 ޝާދިޔާގެ ފިރިމީހާ އިބްރާހީމް




