ފްރީ ޓްރޭޑް އެގްރިމަންޓު (އެފްޓީއޭ) ތަންފީޒުކުރުމާ ގުޅޭ މަޝްވަރާތައް ދިވެހިރާއްޖެއާ އިންޑިއާ ދެމެދު ކުރިއަށް ގެންގޮސްފިއެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުއާ އިންޑިއާގެ ކޮމާސް މިނިސްޓަރު ޕިޔޫޝް ގޯޔަލްއާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޕިޔޫޝް ގޯޔަލްގެ ދައުވަތަކަށް މިހާރު އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި އެ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ބައްދަލުވުމުގެ ތަފްސީލު ދެއްވާ ވަޒީރު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާގެ ވަޒީރު ޕިޔޫޝް ގޯޔަލްއާ އެކު ބޭއްވުނީ ވަރަށް އުފެއްދުންތެރި އަދި ބިނާކުރަނިވި ބައްދަލުވުމެއް ކަމަށާ، މަޝްވަރާތަކުގައި މައިގަނޑު ތިން ދާއިރާއަކަށް އަލިއަޅުއްވާލެއްވި ކަމަށެވެ.
އެގޮތުން ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި، ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތަކާ ބެހޭ އެއްބަސްވުމެއް (ބައިލޭޓަރަލް އިންވެސްޓްމަންޓް ޓްރީޓީ) ނިންމުމާއި، އަދި ވިޔަފާރީގެ ދާއިރާއިން ފެށުމަށް ގަސްތުކުރާ އާ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަސް ގެންދިޔައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގެންގުޅުއްވާ ތަސައްވުރު ތަންފީޒުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި އިންޑިއާ ސަރުކާރުން ބެހެއްޓެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވަމުން، މި މަޝްވަރާތަކުގެ ނަތީޖާ ދެ ގައުމުގެ ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ސައީދުގެ އަރިހުގައި އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު އައިޝަތު އަޒީމާ އާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

