މާލޭގެ ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާމިނަލް ސަރަހައްދުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މަގުމަތިން ދަތުރުކުރި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހިގެންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 19:07 އެހާކަންހާއިރުއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އެ މީހާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

