ސ. ފޭދޫ، މަލަ، ފާތިމަތު ރަޔާ ހަސަނަކީ އުމުރުން އެންމެ 9 މަހުން ފެށިގެން ލޮލުގެ ފެނުމުގެ ސީރިއަސް މައްސަލަތަކެއް ތަހައްމަލު ކުރަމުންދާ ކުއްޖެކެވެ. އުމުރުން މިހާރު 22 އަހަރުގެ ރަޔާގެ އެއް ލޮލުގެ ފެނުން މުޅިން މަހްރޫމްވެފައިވާ އިރު، އަނެއް ލޮލުގެ ފެނުން ފަނޑުވަމުން ގޮސް، ކިތަންމެ ނަންބަރު މަތީ އައިނެއް އަޅައިގެންވެސް ނުފެންނަ ވަރުވަނީ ވެފައެވެ. މިއީ ރަޔާގެ މުސްތަގުބަލަށް އޮތް ނުހަނު ބޮޑު ގޮންޖެހުމަކަށް ވާއިރު، ރަޔާގެ ފެނުން އިޔާދަކުރުމަށްޓަކައި ޑޮކްޓަރުން ވަނީ އަވަސް ފަރުވާއަކަށް އިރުޝާދު ދީފައެވެ. ރަޔާގެ އާއިލާއިން ހުވަދޫމީޑިއާ އަށް މައުލޫމާތު ދިން ، އެމީހުންގެ ފެންވަރުން މިހާތަނަށް ރައްކާކޮށްފައި ހުރި ކުޑަލާރިކޮޅު ބޭނުންކޮށްގެން އިންޑިއާއަށް ދިއުމަށް ޓިކެޓްވެސް ނަގާފައި ވަނިކޮށް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާ އަލަށް ގުޅިވަޑައިގެންނެވި ލޮލުގެ ޚާއްސަ ޑޮކްޓަރު ޑރ. މުހައްމަދު އުސްމާން ދުއްރާނީއަށް ދެއްކުމުން، ރަޔާގެ ހަގީގީ ބަލި ނުވަތަ މައްސަލަ ބުނެދިނެވެ. ރަޔާގެ ބައްޔަކީ "ހައި މައިއޯޕިއާ" (high myopia) އަދި "އަލްޓަނޭޓް އެކްސޯޓްރޯޕިއާ" (alternate exotropia) ކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
ޑޮކްޓަރުގެ ލަފާގެ މަތިން ރަޔާގެ ލޮލުގެ ފެނުން ރަނގަޅު ކުރުމަށްޓަކައި އިންޑިއާއިން ލޭޒަރ ސާޖަރީއެއް ހަދަން ޖެހޭ. މި ސާޖަރީއަށްފަހު، މިހާރު ފެންނަ މިންވަރަށް ވުރެ ބޮޑަށް ފެނުން ރަނގަޅު ކުރެވިދާނެ ކަމުގެ އުންމީދު ޑޮކްޓަރުން ވަނީ ދީފަ. އަދި އައިނާ ނުލައިވެސް އެއް ލޮލަށް ފެންނަ ވަރު ކުރެވިދާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ، އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ހތްހަމަޖެހުމެއް،" ރާޔާގެ މަންމަ ރޮވިފައި ހިތާމަވެރި އަޑަކުން ވާހަކަ ދެއްކިއެވެ. "ނަމަވެސް، މި އުންމީދުތަކަށް ބޮޑު ހުރަހަކަށްވީ، މި ސާޖަރީއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ކުރިމަތިވި ދަތިތައް. އަޅުގަނޑުމެންގެ މާލީ ހާލަތު ހުރިގޮތުން އަމިއްލަ ޚަރަދުގައި މި ފަރުވާ ފުރިހަމަކުރުމަކީ ވާނެ ކަމެއްނޫން، އެހެންކަމުން، އަޅުގަނޑުމެން ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންގެ ފަރާތުން މިހާރު އެދެނީ ދީލަތި އެހީތެރިކަމަކަށް. އަޅުގަނޑުމެންގެ ދަރިފިޅުގެ ލޮލުގެ ފެނުން ސަލާމަތްކުރުމަށްޓަކައި ކުރެވޭ މި ‘މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ ބައިވެރިވުން ނުހަނު ބޮޑަށް އެދެން،!"
ރަޔާގެ ސާޖަރީއަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އާއިލާއިން އެންމެ ފުރަތަމަ މަސައްކަތް ކުރީ ދައުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ސާޖަރީ ހަދަން ޖެހޭނެ ކަމަށް ލަފާދިނުމާ ގުޅިގެން، އާއިލާއިން ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އެހީތެރިކަމަށް އެދި ހުށަހަޅާފައެވެ. އެ އިދާރާއިން އޭރު އަންގާފައިވަނީ ޑޮކްޓަރުގެ ރިފަރަލްއާއެކު އާސަންދައަށް އެދި ހުށަހެޅުމަށެވެ. ނަމަވެސް، އުންމީދު ކުރި ގޮތާ ޚިލާފަށް އާސަންދަ ކުންފުނިން ނިންމީ މި ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދެވެން ނެތް ކަމަށެވެ. އާސަންދައިން ބުނެފައިވަނީ ރަޔާ ހަދަންޖެހޭ ސާޖަރީއަކީ ‘ކޮސްމެޓިކް، ނުވަތަ ރީތިވުމަށް ކުރާ ކަމެއްގެ ގޮތުގައި ބެލެވޭތީ، އެފަދަ ކަންކަމަށް އާސަންދައިގެ އުސޫލުން ޚަރަދު ނުކުރެވޭނެ ކަމަށެވެ.
ފެނުމުގެ މައްސަލަ ހުރި ކުއްޖަކަށް، އައިނު އަޅައިގެންވެސް ނުފެންނަ ހާލަތެއްގައި މިފަދަ ސާޖަރީއެއް ހެދުމަކީ ދިރިއުޅުމުގެ އަސާސީ ކަމަކަށް ވާއިރު، އެއީ "ކޮސްމެޓިކް" ކަމެއްގެ ގޮތުގައި ބެލުމަކީ އާއިލާއަށް ގަބޫލުކުރަން އުނދަގޫ ކަމަކަށް ވެފައިވެއެވެ. ދައުލަތުގެ ނިޒާމުގެ ތެރެއިން އެހީތެރިކަން ލިބޭނެ މަގު ބަންދުވުމުން، މިއަދު އާއިލާއަށް މަޖުބޫރުވެފައިވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމަށް އެދުމަށެވެ.
ރަޔާގެ ލޮލުގެ ސާޖަރީއަށް ގާތްގަނޑަކަށް 2,000 ޑޮލަރު (ދެހާސް ޔޫއެސް ޑޮލަރު) ޚަރަދުވާނެ ކަމަށް އާއިލާއިން ލަފާކުރެއެވެ. މިއީ އާދައިގެ އާއިލާއަކަށް ބަލާއިރު، އެއްފަހަރާ ހަމަޖައްސަން ދަތި ބޮޑު އަދަދެކެވެ. ރަޔާގެ މަންމަ، ރަހީމާ އަބްދުﷲ ހާމަކުރި ގޮތުގައި، އާއިލާގެ މާލީ ތަނަވަސްކަން ހުރި ގޮތުން މި ފައިސާ އަމިއްލައަށް ހޯދުމަކީ މިއަދު އެމީހުންނަށް އޮތް އެންމެ ބޮޑު ތަކުލީފެވެ.
"އަޅުގަނޑުމެންނަކީ މާލީ މިވަރުގެ ތަނަވަސްކަން ހުރި ބަޔަކަށް ނުވާތީ، މި ސާޖަރީއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އެންމެހާ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުންވޭ،" ރަހީމާ ބުންޏެވެ. މި ފައިސާ ހޯދުމަށްޓަކައި އާއިލާއިން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓް ނަންބަރުތައް އާންމުކޮށްފައެވެ.
އާއިލާގެ އުންމީދަކީ ދިވެހި އުޚުއްވަތްތެރި ރައްޔިތުންގެ އެހީތެރިކަމާއެކު، ވީހާވެސް އަވަހަކަށް ފައިސާ ހަމަޖެހި، ރަޔާގެ ސާޖަރީ ކުރިއަށް ގެންދެވުމެވެ. އާއިލާއިން އިތުރަށް ބުނެފައިވަނީ، މިހާތަނަށްވެސް ބައެއް ފަރާތްތަކުން ދެއްވަމުންދާ ހިތްވަރާއި އެހީތެރިކަމަށް ޝުކުރުވެރިވާ ކަމަށެވެ. މިއާއިލާގެ އާދޭސް އަޑުއައްސަވައި ދީލަތި ހިތަކުން ދީލަތިކަމާއެކު އެހީތެރިވަމާތޯއެވެ
އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ރަހީމާ އަބްދުﷲގެ
ބީއެމްއެލް ދިވެހި ރުފިޔާ އެކައުންޓް ނަންބަރު 7702302552101 ނުވަތަ
ޑޮލަރު އެކައުންޓް ނަންބަރު 7730000805152 އަށް ފައިސާ ޖަމާކުރެވޭނެއެވެ.
ގުޅޭނޭ ނަންބަރު: 9599255


