ފަރެސްމާތޮޑާ ބަނދަރާއި ދޯނި އެހެލާ ސަރަހައްދުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަން ހާމަކުރައްވައިފިއެވެ.
މަސައްކަތުގެ އަދާހަމަ ދެމުން، މަޝްރޫއު ހަވާލުވެފައިވާ ކުންފުނި، މޯލްޑިވްސް ތްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި، މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އައު ބަނދަރު ކޮނުމުގެ މަސައްކަތާއި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.
މަޝްރޫއުގެ ދަށުން، 465،726 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 300 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 733 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން، 1462 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށް ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން 133 މީޓަރުގެ ޖިއޯޓިއުބް ރިވެޓްމަންޓާއި، 329 މީޓަރުގެ ގްރޮއިން ޖެހުމާއި، 9206 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން 6 މީޓަރު ދިގު 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 03 މާރިޗު 2026 ވަނަ ދުވަހު، ޖުމްލަ 226.18 މިލިއަން ރުފިޔާއަށް 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މަޝްރޫއުގެ ސަބަބުން، އެ ރަށަށް އުޅަނދުފަހަރުތައް އަޅާފައި ބާއްވާނެ ޖާގަ ތަނަވަސް ބަނދަރެއް ލިބި، މުދާ ބަރުކުރުމާއި ލަފައިފުރުމުގައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

