އިރާނުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ބޭއްވި ރަސްމީ ޖަނާޒާގައި ރާއްޖޭގެ މަންދޫބަކަށް ބައިވެރިވެވަޑައިނުގަނެވުނީ ޕްރޮޓޮކޯލް އުސޫލުތަކަށް އެންމެ ފަހު ވަގުތު އެގައުމުން ގެނައި ބަދަލަކާ ގުޅިގެން ކަމަށް ކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފިއެވެ.
ކާމަނާއީގެ ޖަނާޒާގައި ރާއްޖެއަށް ބައިވެރިނުވެވުނު ސަބަބު ހާމަކޮށްދެއްވާ ދިވެހި ޚާރިޖިއްޔާ ނެރުއްވި ބަޔާނުގައި ހާމަކުރެއްވި ގޮތުގައި، މި މަހުގެ ތިންވަނަ ދުވަހު އޮތް ޚާމަނާއީގެ ރަސްމީ ޖަނާޒާގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ދައުވަތު ލިބުނެވެ. އަދި ރާއްޖޭގެ ފަރާތުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާއަށާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރު ކަމަށް އިރާން ސަރުކާރަށް ރަސްމީކޮށް އަންގާފައިވެސް ވެއެވެ.
ނަމަވެސް ސަފީރު ސަރީރު ޖަނާޒާއަށް ފުރާވަޑައިގަތުމަށް ތައްޔާރުވެވަޑައިގެން، ވަގުތު ކައިރިވެފައި ވަނިކޮށް، އިރާނުގެ އެމްބަސީން ވަނީ ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް ހަމަޖައްސާފައިވާ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާކަން އަންގާފައި ކަމަށް އެ ބަޔާނުގައިވެ އެވެ. އާ އުސޫލުގެ ދަށުން ސަފީރުންގެ ފެންވަރުގައި ޖަނާޒާގައި ބައިވެރިވެވަޑައިނުގެންނެވޭނެކަން އެންގުމާ ގުޅިގެން، ދިވެހި ސަރުކާރުން ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގެ ބޭފުޅަކު ފޮނުއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެހެންނަމަވެސް، ތެހެރާނަށް ދިއުމަށް ފްލައިޓްތަކަށް ހުއްދަ ދެވޭ ސުންގަޑި ކައިރިވެފައިވުމާއި، ސްޓޭޓް މިނިސްޓަރަށް ތެހްރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީ ބައި ނިމޭ ފަހުން ކަމަށް ވާތީ އެ ދަތުރުފުޅު ކުރެވޭ ގޮތް ވަނީ ނުވެފައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އިރާން ސަރުކާރުން ވަނީ ރާއްޖެއިން ސްޓޭޓް މިނިސްޓަރެއް ފޮނުވުމަށް ނިންމި ނިންމުމަށް ޝުކުރު އަދާކޮށްފައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އަދި މި ވަގުތު ދަތުރުފުޅު ކުރެއްވުމުގެ ބަދަލުގައި، ފަހުގެ ތާރީޚެއްގައި ސަރުކާރުގެ އިސް ބޭފުޅަކު އެ ގައުމަށް ޒިޔާރަތް ކުރެއްވުމަށް އިރާނުން ލަފާދިން ކަމަށް ވެސް ބަޔާނުގައިވެއެވެ.
އެހެންކަމުން ފަހު ވަގުތު އައި ބަދަލުތަކާ ގުޅިގެން ޖަނާޒާގައި އަމަލީ ގޮތުން ބައިވެރިވެވަޑައިނުގެންނެވުނު ނަމަވެސް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރާއްޖޭގެ ހާރިޖީ ވަޒީރު ވަނީ އިރާނުގެ ހާރިޖީ ވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފަ އެވެ. މި މެސެޖުގައި އިރާނުގެ ރޫހީ ލީޑަރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހިން ބައިވެރިވާކަން ހާމަކުރައްވާފައިވެއެވެ.

