ހުޅުމާލެ ފޭސް 1 އަދި 2 އެއްގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ނުހެދި ހުރި މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ 46 އިން ސައްތަ މަސައްކަތް ފުރިހަމަކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 1 އަދި 2 އެއްގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ނުހެދި ހުރި މަގުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، މިހާތަނަށް ތިން މަގެއްގައި ތާރު އަޅާވަނީ ނިމިފައެވެ.
އެއީ އެޕޯލޯ ފްލެޓްތަކުގެ ބިއްދޮށުން އޮންނަ މަގާއި ވަން ސެންޓްރަލް ޕާކް ރެސިޑެންސްއާ އިންވެގެން އޮންނަ މަގުގެ އިތުރުން ރޭތިގަލް ރެސިޑެންސްއާ އިންވެގެން އޮންނަ މަގުގެ މަސައްކަތެވެ.
މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ފޭސް 2ގެ ވިނަރެސް ބިއްދޮށުން ކުރީގެ ފަރުކޮޅުފުއްޓާ ދިމާލަށް އޮންނަ މަގުގައި ތާރުއަޅާ ތަރައްޤީކުރުމުގެ މަސައްކަތެކެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ސަބްބޭސްގެ މަސައްކަތްތައް ނިމި، ތާރުއެޅުމާ ގުޅޭ މަސައްކަތްކެވެ.
ޖުމްލަ 1.1 ކިލޯމީޓަރުގެ މަގު ހެދުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގައި، ތާރު އެޅުމުގެ އިތުރުން ޒަމާނީ ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުތައް އަލިކުރުމަށް ލައިޓް ހަރުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަދި މި މަގުތަކަކީ ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ މަގުތަކެކެވެ.
މުޅި މަޝްރޫޢުގެ 46 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ހުޅުމާލޭގެ ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމުގެ 30 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ.
ހުޅުމާލޭގައި 6 މަގެއް ތަރައްޤީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ ޑިސެމްބަރު މަހުގެތެރޭގައެވެ. މި މަޝްރޫޢުއާއެކު، މިހާރު ހުޅުމާލެ ފޭސް 1ގައި އެކިސަބަބުތަކާހުރެ ނުހެދި ހުރި ހުރިހާ މަގުތަކުގައި ތާރު އަޅާނެއެވެ. އަދި ވިނަރެސް ސަރަޙައްދު މަގާއެކު، މިވަގުތު މީހުން އާއްމުކޮށް ބޭނުންކުރާ ހުރިހާ ސަރަޙައްދުގެ މަގުގެ މަސައްކަތް ނިމޭނެއެވެ.

