މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުން ދަތުގެ ފަރުވާގެ މުހިންމު ހިދުމަތްތަކެއް ކަމަށްވާ ޑެންޓަލް ކްރައުނިންގް އާއި އިމްޕްލާންޓްގެ ހިދުމަތް ފެށުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ގްރޫޕްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ދަތުގެ ހިދުމަތް ދޭން ފެށިތާ 50 އަހަރު ފުރުން ނުވަތަ ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ، ކްރައުނިންގް އާއި އިމްޕްލާންޓް ފަދަ ހިދުމަތްތަކަކީ މިހާރު އާންމުން ބޮޑު ހަރަދެއް ކޮށްގެން ހޯދަންޖެހޭ އަސާސީ ހިދުމަތްތަކެއް ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ހޮސްޕިޓަލްތަކުން މި ހިދުމަތްތައް ލިބޭނެ މަގު ފަހިކުރުމަކީ ރައްޔިތުންގެ ޖީބަށް ލުއިވެގެންދާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަނގައިގެ ސިއްހަތުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރައްޒާގު ވިދާޅުވީ، "އަނގައިގެ ސިއްހަތަކީ އިންސާނާގެ މުޅި ދިރިއުޅުމުގެ ފެންވަރާއި އުފާވެރިކަމާ ގުޅިފައިވާ ކަމެއް" ކަމަށެވެ. ނަމަވެސް، ސިއްހީ ދާއިރާގައި އެންމެ ބޮޑަށް ކުރިއަރާފައިވާ އެއް ދާއިރާއަކީ ދަތުގެ ފަރުވާ ކަމަށްވީ ނަމަވެސް، އޯރަލް ހެލްތަށް ދޭންޖެހޭ ސަމާލުކަން އެންމެ އެދެވޭ ގޮތެއްގައި ނުދެވޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގައި މިހާރު ތިބި ގާބިލު ޓީމާއެކު "ސެޑޭޝަން ޑެންޓިސްޓްރީ"ގެ ހިދުމަތް ފެށުމަށްވެސް ވަނީ ނިންމާފައެވެ. މިއީ ދަތުގެ ފަރުވާ ހޯދުމަށް ބިރުގަންނަ ފަރާތްތަކަށާއި، ތަދު ކެތްކުރުމުގެ ގާބިލުކަން ކުޑަ މީހުންނަށް ހާއްސަކޮށްގެން، ބޭސް ބޭނުންކޮށްގެން ބަލިމީހާ ހަމަޖައްސާލައިގެން ދެވޭ ފަރުވާއެކެވެ. މީގެ އިތުރުން، ދަތުގެ ފަރުވާ ކުރާއިރު މާބޮޑަށް އޯކަށްދެމޭ މީހުންނަށްވެސް މި ހިދުމަތުގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، ހޮސްޕިޓަލުގެ ޑެންޓަލް ލެބޯޓްރީ އިތުރަށް ތަރައްގީކޮށް، ޒަމާނީ ވަސީލަތްތަކާއެކު ފަރުވާގެ ފެންވަރު މަތިކުރުމަށް ރޭވިފައިވާ ކަމަށްވެސް ސީއީއޯގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

