މަސްވެރިކަމުގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރަހައްދީ ޚާއްސަ ޕްލެޓުފޯމެއް ގާއިމުކުރަން ނިންމައިފިއެވެ.
މަސްވެރިކަމުގެ ދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި، ސާކް އެގްރިކަލްޗަރ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ސަރަޙައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމަށް ސާކް ޤައުމުތަކުގެ މެދުގައި ނިންމާފައިވަނީ، ނިންމާފައިވަނީ ކަނޑުމަހުގެ ބާވަތްތަކުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސާކްގެ މެމްބަރު ޤައުމުތަކުގެ މެދުގައި ސަރަޙައްދީ އެއްބާރުލުން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމެއްގައެވެ.
ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، ރާއްޖެއަށް ވަޑައިގެންނެވި މަންދޫބުންނަށް މަރުޙަބާ ދަންނަވައި، ސަރަޙައްދީ އެއްބާރުލުމާއި، މަޢުލޫމާތު ޙިއްސާކުރުމާއި، އައު އީޖާދީ ގޮތްތައް ބޭނުންކުރުން މުހިންމު ކަމަށެވެ. މިކަންކަމުގެ ސަބަބުން ކަނޑުގެ ވަސީލަތްތަކަކީ މުޅި ސަރަޙައްދުގެ ކާނާގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި އާމްދަނީއާއި، އިޤްތިޞާދީ ތަނަވަސްކަން ކަށަވަރުކޮށްދޭ ވަސީލަތްތަކެއްގެ ގޮތުގައި ދެމެހެއްޓޭނެކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކާ ގުޅޭގޮތުން ބޭއްވި މި ބައްދަލުވުމުގައި ސާކުގެ މެންބަރު ޤައުމުތަކުގެ މަންދޫބުން ވަނީ މިދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކަނޑުމަހުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސަރަޙައްދީ ގުޅުން އިތުރަށް ބަދަހިކުރުމެވެ.
ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި ތަރައްޤީކުރުމަށްޓަކައި، ސަރަޙައްދީ ފެންވަރުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމެވެ. މަސްވެރިކަމުގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް، ސާކް އެގްރިކަލްޗަރ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ސަރަޙައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމަށްވެސް މި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ބައްދަލުވުމުގެ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ލިމިޓަށްވުރެ ގިނައިން މަސްވެރިކަން ކުރުމާއި، ޤާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން (އައިޔޫޔޫ ފިޝިންގ) އާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށެވެ. މިކަންކަމަށް ޙައްލު ހޯދުމަށް ސަރަޙައްދީ ގުޅިފައިވާ މަގުޗާޓެއް އެކުލަވާލުމަށްވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުމަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމާއި، މާކެޓްގެ ފުރުޞަތުތަކުގެ އިތުރުން މިދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުންވެސް މަންދޫބުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، ކޮންމެ ޤައުމަކަށް ޚާއްޞަ އެކްޝަން ޕްލޭންތަކެއް އެކުލަވާލުމާއެކު، މައިގަނޑު ގޮންޖެހުންތަކާއި ސްޓްރެޓީޖިކް ލަފާތައް ހިމެނޭ ސަރަޙައްދީ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތްތަކަކީ ސަރަޙައްދީ ފެންވަރުގައި މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރެއެވެ.

