މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ އާދިއްތަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި، މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 12 ވާ އާދިއްތަ ދުވަހު ހުޅުވާލުމަށް ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.
މި އިނާމަށް ނަން ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ ޓެކްނޮލޮޖީގެ އެހީގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން، އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ “ފޯމު ހުށަހެޅުން” ޕޯޓަލް (http://apply.presidency.gov.mv) މެދުވެރިކޮށްގެންނެވެ.
މިއަހަރުވެސް މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ގިންތިއަކުންނެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ މި އިނާމަކީ ދައުލަތުން ދޭ އެންމެ ޝަރަފުވެރި އެއް އިނާމެވެ.
އިނާމަށް ކުރިމަތިލާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއްވެސް ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް، ހުށަހަޅާ ލިޔުންތަކުގެ ދެފުށުގައި ލިޔެފައިވާނަމަ، ލިޔުމުގެ ދެފުށުގައި “އަސްލާ އެއްގޮތްކަމުގެ ތައްގަނޑު” ޖެހުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެ އޮފީހުން އެދިފައިވެއެވެ.

