މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. ރައީސް އޮފީހުން ނުކުމެވަޑައިގެން ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ބޭންކް އޮފް މޯލްޑިވްސް ކުރިމަތީ އޮތް ފަޅުތެރެއިން އަލަށް ހިއްކި ސަރަހައްދަށެވެ.
މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް ވަނީ މަގުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި، ކުރިއަށް އޮތް ރޭވުންތަކާ ގުޅޭގޮތުން ތަފްސީލީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މަގު ފެހިކުރުމަށް ޚާއްޞަ އިސްކަމެއް
މަޝްރޫޢު ކުރިއަށްދާ ސަރަހައްދު ބައްލަވާލެއްވުމަށްފަހު ރައީސް ޑރ. މުޢިއްޒު އެންމެ ބޮޑަށް ބާރުއެޅުއްވީ އެ ސަރަހައްދު ފެހިކުރުމަށެވެ. އެގޮތުން މަގުގެ ދޭތެރެތަކުގައި “ތަންކޮޅެއް ބޮޑެތި” ގަސްތަކެއް އިންދުމަށް ރައީސް އިރުޝާދު ދެއްވިއެވެ. މީގެ ޖަވާބުގައި މިނިސްޓަރ މުއްޠަލިބް ވިދާޅުވީ އެ ސަރަހައްދުގައި އިންދާނީ ގާތްގަނޑަކަށް ދެ މީޓަރުގެ އުސްމިން ހުންނަ ގަސްތަކެއް ކަމަށެވެ.
މީގެ އިތުރުން މަސްވެރިންގެ ޕާކު ސަރަހައްދުގައި ބޯށި އަދި ކުރެދި ފަދަ ރާއްޖޭގެ މާހައުލާ ގުޅޭ ގަސްތައް އިންދުމަށް ހަމަޖެހިފައިވާކަން އެމްޓީސީސީގެ އެމްޑީ ފާހަގަކުރެއްވިއެވެ. ރައީސް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ސައުދީ ވިދާޅުވީ، ސައިކަލް ޕާކިންގ ސަރަހައްދުގައިވެސް ގަސްތައް ހުންނާނެ ކަމަށާއި، މަގު ހުޅުވާއިރު ގާޑަން ލައިޓްތަކާއެކު މުޅި ސަރަހައްދު ފެންނާނީ ވަރަށް ފުރިހަމަކޮށް ކަމަށެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ ހަމައަށް މިހާރު ވަނީ ތާރު އަޅައި ނިންމާފައެވެ. އެމްޓީސީސީން ބުނި ގޮތުގައި ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށޭނެއެވެ.
މި މަޝްރޫޢަކީ މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަހައްދު ކަމަށްވާ ބޭރުމަގުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރަށް ލުއި ފަސޭހަކަން ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެކި ސަބަބުތަކާހުރެ މަސައްކަތް ނިންމަން ކަނޑައެޅި ތާރީޚަށް ބަދަލުތަކެއް އައި ނަމަވެސް، މި މަހުގެ 26 ވަނަ ދުވަހަށް މުޅި މަޝްރޫޢު ނިންމައި އާންމުންނަށް ހުޅުވާލުމަށް ދަނީ ތައްޔާރުވަމުންނެވެ.

