ވ. ފެލިދޫގެ ބޭރުން ދަތުރުކުރަމުންދިޔަ “ޖަޒީރާ Q-10” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ދިޔަވެ، އެއްކޮށް އަޑިއަށް ހިނގައްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ފެލިދޫގެ އިރުމަތިން ގާތްގަނޑަކަށް ފަސް ނޯޓިކަލް މޭލު ބޭރުންނެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، ބޯޓު ދިޔަވެ އަޑިއަށްދާ ކަމުގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައެވެ. ނަމަވެސް، ކޯސްޓްގާޑަށް އެ ސަރަހައްދަށް ދެވުނުއިރު ބޯޓު ވަނީ އެއްކޮށް އަޑިއަށް ގޮސްފައެވެ.
ބޯޓު އަޑިއަށް ދިއުމާ ގުޅިގެން އޭގައި ހުރި ބައެއް މުދަލާއި ތަކެތި މިހާރު ދަނީ ކަނޑުމަތިން އޮޔާދަމުންނެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން ލަފާކުރާ ގޮތުގައި މި ތަކެތި އޮޔާދަނީ ފެލިދޫގެ އިރުމަތީ ފަރާތަށެވެ. އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ހާދިސާގައި ބޯޓުން ދަތުރުކުރި މީހުންނަށް ލިބުނު ގެއްލުމެއްގެ ތަފްސީލު އެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.

