ހިސާބު މާއްދާއަކީ ކުރިއަށް އޮތް ޖީލުތަކަށް ކޮންމެހެން ބޭނުންތެރި މާއްދާއަކަށްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް އެކުލަވައިލެއްވި “މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް” ފޮތް ނެރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ދުނިޔެ މިއަދު ގުޅިލާމެހިފައިވާ މިންވަރަށް ބަލާއިރު، ކުރިއަށް އޮތް ޖީލުތަކަށް ހިސާބަކީ ކޮންމެހެން ބޭނުންތެރި މާއްދާއެއްކަން ފާހަގަކރުައްވާ މެޑާމް ސާޖިދާ ވިދާޅުވީ، ހިސާބަކީ ސައިންސާއި، ޓެކްނޮލޮޖީގެ އިތުރުން މާލީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގެ ބިންގާ ކަމަށެވެ.
ޚާއްޞަކޮށް ހަލުވިކަމާއެކު ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ ފައިހަމަކުރުމަށްޓަކައި ހިސާބުގެ ހުނަރުތައް ދަސްކުރުމަކީ އެކަމަނާގެ ނަޒަރުގައި ރާއްޖޭގެ މުސްތަޤްބަލުގެ ކުރިއެރުމަށް ކުރެވޭ މުހިންމު އިންވެސްޓްމެންޓެކެވެ.
ނަ ދަރިވަރުންނަށް ހިސާބަކީ އުނދަގޫ މާއްދާއެއްގެ ގޮތުގައި އިޙްސާސް ކުރެވޭކަން ފާހަގަކުރައްވާ މެޑަމް ސާޖިދާ ވިދާޅުވީ، މައިގަނޑު ސަބަބަކީ ހިސާބަކީ ދިރިއުޅުމުގެ ޢަމަލީ މައިދާނާ ދުރު، ހަމައެކަނި ފޯމިއުލާތަކަކާއި ހިސާބުތަކެއްގެ ގޮތުގައި ކުދިންނަށް ސިފަވުމެވެ. އެހެންކަމުން، ކިޔަވައިދިނުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، އާ އުސޫލުތަކެއް ތަޢާރަފުކުރަން ޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.
ފަސްޓް ލޭޑީ ސާޖިދާގެ ވާހަކަފުޅުގައި، ހިސާބު މާއްދާގެ މުހިންމުކަމާއި، އާންމު ދިރިއުޅުމުގެ ކަންކަމާ އެ މާއްދާ ގުޅިފައިވާ މިންވަރު ކުދިންނަށް ބުނެދެވިއްޖެނަމަ، އެކުދިންގެ ހިތްތަކުގައި އެ މާއްދާއަށް އޮންނަ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ

