އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ކުޑަކުދިންގެ ހެދިބޮޑުވުމާ ގުޅޭ ބަލިތަކަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޚާއްޞަވި ޑޮކްޓަރު، ޑރ. އާމިނަތު ފަޒުނާ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ގދ. ގައްދޫ، ކަށިކެޔޮމާގެއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަނިކޮށް އައިޖީއެމްއެޗްގައެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޑަކުދިން ހެދިބޮޑުވާ ގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތް ކުރައްވަން ފެއްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވުމަކީ ލިބުނު ފުން ހިތާމައެއް ކަމަށެވެ. މި ހިތާމައިގައި ބައިވެރިވެވަޑައިގެން، މަރުޙޫމާގެ އާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ މުވައްޒަފުންގެ އިތުރުން މުޅި ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ރައީސް ވަނީ ތަޢުޒިޔާ ފޮނުއްވާފައެވެ.
ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވަނީ، “މަރުޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާށި،” ކަމަށެވެ.
ޑރ. ފަޒުނާއަކީ 2024 ވަނަ އަހަރުން ފެށިގެން އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވަމުން ގެންދެވި، އެ ދާއިރާއިން ރާއްޖެއަށް އުފަންވި ފާހަގަކޮށްލެވޭ ފަންނީ ބޭފުޅެކެވެ. އޭނާ ނިޔާވުމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމަށް، ޚާއްޞަކޮށް ކުޑަކުދިންގެ ޚާއްޞަ ބަލިތަކަށް ފަރުވާ ދިނުމުގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ހުސްކަމެކެވެ.
މަރުޙޫމާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައެވެ.

