ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި ފަރާތްތަކުގެ ތެރެއިންނެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި ޖުމްލަ 3.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 740 ގްރާމްގެ ކެނަބިސް އާއި 2.75 ކިލޯގެ ހަޝިޝް އޮއިލް އެވެ. މި ތަކެތީގެ މަގުމަތީގެ އަގު 2.7 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މީގެ އިތުރުން، މިދިޔަ މަހުގެ 18 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3,610 ގްރާމްގެ ސިންތެޓިކް ކެތިނޯން ވެސް ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ. މި ތަކެތީގެ އަގު 5 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތް މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން 2019 އިން 2023 އަށް އަތުލައިގަނެވުނު މިންވަރަށްވުރެ، ފާއިތުވި 2.5 އަހަރުގެ ތެރޭގައި އަތުލައިގަނެވުނު ތަކެތީގެ މިންވަރު ގިނަކަން އެ އިދާރާއިން ފާހަގަކުރެއެވެ.
ތަފްސީލީ ހިސާބުތަކަށް ބަލާއިރު، 2021 އިން 2023 ގެ ނިޔަލަށް 116 މައްސަލައެއްގައި 247 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ޖޫންގެ ނިޔަލަށް އެކަނިވެސް 147 މައްސަލައެއްގައި 324 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ.
މަސްތުވާތަކެތީގެ މިފަދަ މައްސަލަތައް ހުއްޓުވުމަށް ކަސްޓަމްސްއިން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ ބޯޑަރުތައް ބަލަހައްޓަމުންނެވެ.

