މާލެ ސަރަހައްދުން ދޯންޏަކާއި ލޯންޗެއް ޖެހި ކަނޑުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން “ލީޖަން 1” ނަމަކަށް ކިޔާ ލޯންޗެއް މާލެ، ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަމާ ކައިރިކޮށްފައިވާ ކަމުގެ މައުލޫމާތު، އެ އިދާރާއަށް 9 ޖުލައި 2026 ވަނަ ދުވަހުގެ ރޭ 21:16 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނުރައްކާތެރި ހާދިސާގައި ޖުމުލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ. މި އެންމެންނަށްވެސް އިތުރު ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ. މި މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ އިތުރު ތަފުސީލެއް އަދި ނުލިބެއެވެ.
ކަނޑުމަތިން ދެ އުޅަނދެއް ޖެހި ހިނގި މި އެކްސިޑެންޓްގައި ހިމެނޭ އަނެއް ކަނޑުއުޅަނދު އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަދި ފިލައިގެން ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

