ފުވައްމުލަކުގައި އިމާރާތްކުރާ ޕޮލިސް އެކޮމަޑޭޝަން ބްލޮކްގެ މަސައްކަތް އެމްޓީސީސީއިން ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް އެ ކުންފުނިން ހާމަކުރައްވައިފިއެވެ.
މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެމްޓީސީސީން ވިދާޅުވީ، އިމާރާތުގެ ފައުންޑޭޝަން ބީމް ކޮންކްރީޓް މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ އިމާރާތުގެ އޮނިގަނޑު ވަރުގަދަކުރުމުގެ މަރުހަލާގެ މަސައްކަތްތަކެވެ.
އެގޮތުން، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ގްރައުންޑް ފްލޯގެ ތަނބުތަކުގެ ދަގަނޑު އެޅުން ނުވަތަ ރީއެންފޯސްމަންޓު އަދި ތަނބުތަކުގެ ފިލާޖެހުން ނުވަތަ ޝަޓަރިންގެ މަސައްކަތްތައް ހިމެނެއެވެ. މި މަސައްކަތްތައް ނިމުމާއެކު އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތްތަކަށް ތައްޔާރުވެވޭނެ ކަމަށް އެމްޓީސީސީއިން ހާމަކުރައްވާފައިވެއެވެ.
މި މަޝްރޫއަކީ ރަށުގެ އަމާންކަން ބެލެހެއްޓުމާއި، ފުލުހުންގެ ހިދުމަތް ހަރުދަނާކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ފުލުހުންގެ އުމްރާނީ ވަސީލަތްތައް ފުޅާކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމެވެ.

