ޤުރުއާން ކިޔެވުމަކީ އިންސާނާގެ ހިތަށާއި ރޫޙަށް ހަމަޖެހުން ގެނެސްދޭ މާތް އަޅުކަމެއް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. "ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވަނީ ﷲ ގެ ފޮތް ކިޔެވުމަށާއި، އޭގެ މާނަތައް ދެނެގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.
ހުތުބާގައި ބުނީ، ހުރިހާ ފޮތްތަކެއްގެ ތެރެއިން އެންމެ މަތިވެރި އަދި އެންމެ ބަރަކާތްތެރި ފޮތަކީ ކީރިތި ޤުރުއާން ކަމަށާއި، އެއީ ކޮންމެ ހެޔޮ އަމަލެއްގެ އަދި ހަގީގީ އުފާވެރިކަމެއްގެ އަސްލު ކަމަށާއި ކީރިތި ޤުރުއާނުގެ ހިދާޔަތުގައި ހިފަހައްޓައި، އޭގެ މާނަތަކާ މެދު ފިކުރުކޮށް، ގަވާއިދުން ކިޔަވާ މީހަކީ ދުވަހަކުވެސް ގެއްލިގެން ނުދާނޭ ފައިދާހުރި ވިޔަފާރިއެއްގައި މަޝްޣޫލުވެފައިވާ މީހެއް ކަމަށެވެ. އަދި މި ބަރަކާތްތެރި ފޮތް ކިޔަވައި، އޭގެ އުނގަންނައިދިނުންތަކަށް އަމަލުކުރާ މީހާއަށް، ގިޔާމަތް ދުވަހުން އެ ފޮތް ޝަފާޢަތްތެރިވާނެކަން ހުތުބާގައި ފާހަގަކުރިއެވެ. މީގެ އިތުރުން، ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަން މާތްﷲ ދެއްވާނެކަމުގެ އުފާވެރި ޚަބަރުވެސް ހުތުބާގައި ވަނީ ދީފައެވެ.
ކީރިތި ޤުރުއާން ކިޔަވައި، އޭގެ އާޔަތްތަކުގެ މާނައާ މެދު ފުންކޮށް ފިކުރުކުރާ މީހުންގެ ވަށައިގެން މަލާއިކަތުން ތިއްބަވާނެކަން ފާހަގަކުރައްވައި ހުތުބާގައި ނަސޭހަތްތެރިވީ، ޝައިޠާނާގެ ނުބައިކަމާއި ވަސްވާސްތަކުން ރައްކާތެރިވުމަށް ޤުރުއާނުގައި ހިފެހެއްޓުމަށެވެ. "ﷲ ގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި، ﷲ ގެ ފޮތް ކިޔަވައި، އެ ފޮތް އެކަކު އަނެކަކަށް އުނގަންނައިދިނުމަށް ބަޔަކު މީހުން އެއްވެއްޖެނަމަ، އެމީހުންގެ މައްޗަށް މަޑުމައިތިރިކަން ބާވައިލެއްވޭނެ" ކަމަށް ރަސޫލާގެ ހަދީޘްފުޅަކާ ހަވާލާދީ ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ، ޤުރުއާން ކިޔެވުމަކީ ހަށިގަނޑަށާއި، ހިތަށާއި، ފުރާނައަށް ބޮޑެތި ފައިދާތަކެއް ގެނެސްދޭ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ބިންގާ ކަމަށެވެ. އިމާމް އިބްނުލް ޤައްޔިމްގެ ބަސްފުޅަކާ ހަވާލާދީ ހުތުބާގައި ބުނެފައިވަނީ، ޒިކުރުކުރުމުގެ ސަބަބުން އިންސާނާއަށް ލިބޭ ބާރުގެ ސަބަބުން، ކުރިން އުނދަގޫ ކަންތައްތަކެއް ކަމަށް ހީވި ކަންތައްތައްވެސް ފަސޭހަކަމާއެކު ފުރިހަމަކުރުމުގެ ކުޅަދާނަކަން ލިބިގެންދާ ކަމަށެވެ.
ހުތުބާ ނިންމާލަމުން ވަނީ، ކީރިތި ޤުރުއާނަކީ ގުނާ ނުލެވޭހާ ގިނަ ބަރަކާތުން ފުރިގެންވާ ފޮތެއްކަން ހަނދާންކޮށްދީ، އެ ފޮތް ކިޔެވުމުގައި ފަރިތަ މީހުންނާއި އުނދަގުލާއެކު ކިޔަވާ މީހުންނަށްވެސް މާތްﷲ ދަރުމަ ދެއްވާނެކަން ބަޔާންކޮށްފައެވެ. އަދި ދިވެހިރާއްޖެއަށާއި މުޅި އިސްލާމީ އުންމަތަށް އަމާންކަމާއި ހަމަޖެހުން މިންވަރުކޮށްދެއްވުމަށް އެދި ހުތުބާގައި ވަނީ ދުޢާކޮށްފައެވެ.

