މާލޭގެ މައި މަގެއް ކަމަށްވާ އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހަވާލުކޮށްފިއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން އަމީނީ މަގުގެ މަރާމާތުގެ މަސައްކަތްތަކުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލުތަކަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ގެނެވޭ ބަދަލުތަކެއް ކަމަށް ބެލެވެއެވެ.
އަމީނީ މަގުގެ ހުޅަނގަށްވީ ބައިގެ ތާރުގަނޑު އުފުލި، އެ ސަރަހައްދު ބޭނުންކުރާ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ. ބިނާރާ ވުޒާރާއިން ބުނީ މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
އަމީނީ މަގުގެ ސެގްމަންޓް 11 އަދި 12 ގެ މަސައްކަތް ނިންމައި ފުރަތަމަ ހުޅުވާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅުވެސް މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތުކުރުމުގެ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ނިމިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފައެވެ. މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.

