އިނގިރޭސިވިލާތުގެ އައު އެއާލައިނެއް ކަމަށްވާ "ގްލޯބަލް އެއާލައިންސް" އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމަށް އަމާޒު ހިފާފައިވަނީ މިއަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި އަންނަ ޗުއްޓީ މޫސުމާ ދިމާކޮށް، އެ ކުންފުނީގެ އޭ380 މަރުކާގެ ބޯޓުތަކުގައެވެ.
ގްލޯބަލް އެއާލައިންސްއިން ކުރިން ރާވާފައި އޮތީ އެމެރިކާގެ ނިއުޔޯކާއި ލޮސް އެންޖެލެސްއަށް ދަތުރުތައް ފެށުމަށެވެ. ނަމަވެސް، އެ ކުންފުނީގެ ވިޔަފާރީގެ ސްޓްރެޓެޖީއަށް ބަދަލު ގެނެސް، މިހާރު އެންމެ ބޮޑު އިސްކަމެއް ދޭން ނިންމާފައިވަނީ ރާއްޖެއަށެވެ. މިއީ އިނގިރޭސިވިލާތުން ރާއްޖެއަށް އޮންނަ ޑިމާންޑަށް ބަލައި ނިންމި ނިންމުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެއާލައިންގެ ބާނީ ޖޭމްސް އެސްކިއުތު ވިދާޅުވީ، "ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލަން ގިނަ ބަޔަކު ބޭނުންވާ ހުވަފެނީ މަންޒިލެއް" ކަމަށެވެ. އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ކުރާ ސީދާ ދަތުރުތައް އިތުރުކުރަން ޖެހިފައިވާކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ މި ދަތުރުތަކަކީ ފަތުރުވެރިންނަށް ލިބޭނެ ބޮޑު ލުޔަކަށް ވާނެ ކަމަށެވެ. މި ދަތުރުތައް އިތުބާރާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެއާލައިންގެ ފްލީޓަށް އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.
މި ދަތުރުތަކާ މެދު އޭވިއޭޝަން ދާއިރާގެ ބައެއް މާހިރުންގެ މެދުގައި ސުވާލުތަކެއް އުފެދިފައިވަނީ، އެ އެއާލައިނަށް އަދިވެސް އެއާ އޮޕަރޭޓަރ ސެޓްފިކެޓް (އޭއޯސީ) ލިބިފައި ނުވާތީއެވެ. ނަމަވެސް އެއާލައިނުން ބުނާ ގޮތުގައި އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމެއްގެ ހުއްދައިގެ ދަށުން ވެސް ދަތުރުތައް ކުރެވިދާނެ ގޮތްތަކެއް އެބަހުއްޓެވެ.
އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ތިންވަނައަށް އެންމެ މުހިންމު ގައުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އެ ގައުމުން 89,242 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެހެންކަމުން ގްލޯބަލް އެއާލައިންސްގެ ދަތުރުތަކާއެކު މި އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

