މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން މެލޭޝިޔާގެ އެކި ޔުނިވަރސިޓީތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހުޅުވާލާފައިވާ ސްކޮލަރޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ސުންގަޑި މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. މި ސްކޮލަރޝިޕްތަކަކީ ބެޗްލާސް ޑިގްރީން ފެށިގެން ޕީއެޗްޑީ ފެންވަރަށް ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ.
އެމްއެމްއޭއިން ހުޅުވާލާފައިވާ ފުރުސަތުތަކުގެ ތެރޭގައި މެލޭޝިޔާގެ ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރސް އޮފް އެކައުންޓިންގ އާއި، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރސް އޮފް ލޯސް އަދި މާސްޓަރސް އޮފް އިކޮނޮމިކްސް ހިމެނެއެވެ. މީގެ އިތުރުން އިންސިފް ޔުނިވަރސިޓީން އިސްލާމިކް ފައިނޭންސް ނުވަތަ އެޕްލައިޑް މުއާމަލާތުގެ ދާއިރާއިން ޕީއެޗްޑީ ހެދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުގެ ޓިއުޝަން ފީއާއި ޔުނިވަރސިޓީގެ އެހެނިހެން ހަރަދުތަކުގެ އިތުރުން، ދިރިއުޅުމުގެ ހަރަދާއި، ބުކް އެލަވަންސް، އެސްޓެބްލިޝްމަންޓް އެލަވަންސް، އަދި ޑިޕާޗަރ އެލަވަންސް އެމްއެމްއޭއިން ހަމަޖައްސައިދޭނެއެވެ. މީގެ އިތުރުން ވިސާގެ ހަރަދާއި ހެލްތު އިންޝުއަރެންސް ވެސް މި ސްކީމުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެމްއޭއިން ވިދާޅުވި ގޮތުގައި، މި ސްކޮލަރޝިޕްތަކުގެ ދަށުން ކޯސް ފުރިހަމަކުރާ ކޮންމެ ދަރިވަރަކު ވެސް ކޯހަށްފަހު 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ހިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް އެ އޮތޯރިޓީން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

