ފީފާ އިން އަލަށް ތައާރަފުކުރި 15 އަހަރުން ދަށުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. މި މުބާރާތަކީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އިން އިންތިޒާމުކޮށްގެން ފެސްޓިވަލެއްގެ ސިފައިގައި ކުރިއަށްގެންދާ ބޮޑު މުބާރާތެކެވެ.
މި އަހަރުގެ އޮކްޓޯބަރު މަހު އަޒަރުބައިޖާންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ، ފީފާގެ މެމްބަރު ހުރިހާ ގައުމުތަކަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މިދިޔަ ޑިސެމްބަރު މަހު ފީފާ ކައުންސިލުން މި މުބާރާތް ބޭއްވުމަށް ފާސްކުރީ، ދުނިޔޭގެ ފެންވަރުގެ ބޮޑު މުބާރާތެއްގައި ފީފާގެ ހުރިހާ މެމްބަރު ގައުމުތަކެއް ޝާމިލުކުރުމުގެ މަތިވެރި މަގުސަދުގައެވެ.
މިއަހަރުގެ މުބާރާތް ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާއިރު، އަންހެން ކުދިންގެ މުބާރާތް އޮންނާނީ އަންނަ އަހަރުއެވެ. ނަމަވެސް، 2028 ވަނަ އަހަރުން ފެށިގެން ދެ ޖިންސުގެ މުބާރާތްވެސް އެއް އަހަރެއްގައި ބާއްވާ ގޮތަށް ވަނީ ނިންމާފައެވެ. އެހާ ހިސާބުން މުބާރާތް ކުރިއަށްދާނީ މެމްބަރު ގައުމުތަކަށް ދައުވަތުދޭ އުސޫލުންނެވެ.
މި މުބާރާތް ބޭއްވުމުގެ ފުރުސަތު އަޒަރުބައިޖާނަށް ދީފައިވަނީ އެގައުމަކީ ދުނިޔޭގެ ފެންވަރުގެ ވަސީލަތްތައް ގާއިމްވެފައިވާ، މިފަދަ މުބާރާތެއް ބޭއްވުމުގެ ގާބިލުކަން ހުރި ގައުމަކަށް ވާތީއެވެ. އަޒަރުބައިޖާނަކީ އަންނަ އަހަރު އޮންނަ 20 އަހަރުން ދަށުގެ ވޯލްޑް ކަޕްވެސް ހޯސްޓްކުރާ ގައުމެވެ.
މުބާރާތް ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ އޮންނަ ކޮލިފިކޭޝަން ސްޓޭޖު 3 ދުވަހާއި 5 ދުވަހުގެ މުއްދަތަށް ކުރިއަށްދާއިރު، ކޮންމެ ޓީމަކަށް 5 ނުވަތަ 6 މެޗު ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. މި މަރުހަލާގައި 32 ގްރޫޕެއް ހިމެނޭނެ ކަމަށް ބެލެވެއެވެ. އެއަށްފަހު އޮންނަ ރަސްމީ މުބާރާތް 9 ދުވަހަށް ދެމިގެންދާނެއެވެ. ރަސްމީ މުބާރާތުގައި 32 ޓީމު ވާދަކުރާނީ 7 ޑިވިޝަނަކަށް ބަހާލައިގެންނެވެ.
މިއަހަރުގެ މުބާރާތުގައި ބައިވެރިވެވޭނީ 2011 އަދި 2012 ވަނަ އަހަރު އުފަންވެފައިވާ ކުޅުންތެރިންނަށެވެ. ކޮންމެ ޓީމެއްގައި 14 ކުޅުންތެރިން (2 ގޯލްކީޕަރުންނާއެކު) އަދި 6 އޮފިޝަލުން ހިމަނަންޖެހެއެވެ.
ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، ނޭޕާލް ފިޔަވައި އެހެން ހުރިހާ ގައުމަކުން މި މުބާރާތުގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ. ނޭޕާލަށް މި ފުރުސަތު ގެއްލުނީ އެ ގައުމު މިވަގުތު ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ.

