ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުތަކާއި ކުރިއަށް އޮތް ކޮންގްރެސް ނިމިގެންދާއިރު، ޕާޓީގެ އާންމު މެންބަރުންނާއި ލީޑާޝިޕާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ސީދާ ގޮތެއްގައި މުއާމަލާތް ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިގެންދާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިޚާބާ ގުޅޭގޮތުން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ އާންމު މެންބަރުންނާއި ލީޑަރުންނާ ދެމެދު އޮންނަ ގުޅުން ކުޑަވުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެއް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި އެ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕާޓީގެ މެންބަރުންނާ އޮންނަ ގުޅުން ވަރުގަދަވުމުގެ އެންމެ ބޮޑު ސަބަބަކީ ރައީސް މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރަސްމީ މަސައްކަތްޕުޅަށްފަހު ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ވަގުތު ހުސްކުރެއްވުމެވެ. މިއީ މީގެ ކުރިން ޕާޓީތަކުގެ ވެރިންގެ ފަރާތުން ފެނިފައިވާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީއެންސީއަކީ މިހާރު ރާއްޖޭގައި ހިންގަމުންދާ އެންމެ އިންތިޒާމުތައް ފުރިހަމަ ޕާޓީކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، "އިންތިޚާބަކާ ދިމާކޮށް ރަށަކަށް ވަޑައިގެންފައި ދެން ވަރަށް ގާތްވާނެ. އެހެނެއްނޫން އަޅުގަނޑުމެން ކޮންގްރެސް ޕާޓީގެ ސިޔާސަތު މިއަދު ބައްޓަންވެފައި މިއޮތީކީއެއް،" ކަމަށެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ޕާޓީތައް ހިންގާ އުސޫލުން ޕީއެންސީ ހިންގުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މިހާރު ގާއިމުކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު ބާއްވާ އިންތިޚާބުގައި މާލެއާއި އަތޮޅުތެރެ ހިމެނޭހެން 3,000 އަށްވުރެ ގިނަ މީހުން ޕާޓީގެ އެކި މަގާމުތަކަށް އިންތިޚާބުވާނެއެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި ބޭފުޅުންގެ މައިގަނޑު ޒިންމާއަކީ ޕާޓީގެ ލީޑާޝިޕާއި އާންމު މެންބަރުން ގުޅުވައިދިނުމެވެ. މިއާއެކު، ޕާޓީއާ ސީދާ ގުޅުމެއް ނެތް އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ޕާޓީގެ އޮނިގަނޑު ހަރުދަނާކުރުމުގެ އިތުރުން، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޕީއެންސީގެ ޖަގަހަތައް ހުޅުވުމަކީ އެ ޕާޓީގެ އަމާޒެކެވެ. އަންނަ އޮކްޓޯބަރު މަހު ބާއްވާ ޕާޓީގެ ކޮންގްރެސްއާއެކު، ޕީއެންސީއަކީ ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ހިނގާ، ދުނިޔޭގެ ފެންވަރުގެ ނަމޫނާ ޕާޓީއަކަށް ވެގެންދާނެ ކަމަށް ޗެއާޕާސަން ވިދާޅުވިއެވެ.

