ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ އުމުރުގެ ގޮތުން ހަގު ޕާޓީއެއް ނަމަވެސް، ރެކޯޑު އަދަދަކަށް މެމްބަރުން އެ ޕާޓީއާ ގުޅެމުންދަނީ އެތެރޭގެ ހިންގުން ހަރުދަނާވެ، މެމްބަރުންގެ އިތުބާރު ހޯދިފައިވާތީ ކަމަށް ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދާ އެ ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭގޮތުން “އެމްއެމްޓީވީ” އަށް ދެއްވި ބަސްދީގަތުމެއްގައި ފަލާހު ވަނީ ޕާޓީގެ ކުރިއެރުމާ މެދު ވާހަކަދައްކަވާފައެވެ.
ފަލާހު ފާހަގަކުރެއްވި ގޮތުގައި ޕީއެންސީގައި މިހާރު 69،000 އަށް ވުރެ ގިނަ މެމްބަރުން އެބަތިއްބެވެ. މިއީ އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އަދަދަށް ވުރެ ގާތްގަނޑަކަށް 20،000 މެމްބަރުން އިތުރު އަދަދެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ޕާޓީއަށް ލިބެމުންދާ މި ބޮޑު ތަރުހީބަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ އިތުބާރުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ބާއްވާ އެތެރޭގެ އިންތިހާބަކީ ޕާޓީއެއްގެ އެތެރޭގައި މިހާތަނަށް ބޭއްވޭ އެންމެ ބިޔަ އިންތިހާބުކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، 40،000 އެއްހާ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ. “ޕާޓީގެ އެތެރެ ހިނގަމުންދަނީ ވަރަށް ދެފުށް ފެންނަ ގޮތަކަށް، ކެންޑިޑޭޓުންނަށް ވެސް ހަމަހަމަކަމާއެކު ވާދަކުރުމުގެ ފުރުސަތުދީ ވަކި މީހެއްގެ ނުފޫޒުން ވަކި ކަމެއް ނުވާނެގޮތަކަށް އެއްވެސް ކަމެއް ބައްޓަންނުވެ،” ފަލާހު ވިދާޅުވިއެވެ. މީގެ އިތުރުން ޕީއެންސީއަކީ ޒުވާނުންނަށް އިސްކަންދީ، އިސް މަގާމުތަކަށް އައުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ޕާޓީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެން ބައެއް ސިޔާސީ ޕާޓީތަކާ އަޅާކިޔުއްވަމުން ފަލާހު ވިދާޅުވީ، ބައެއް ޕާޓީތަކުން މެމްބަރުން މަދުވެ ޕާޓީ އުވާލަން ޖެހޭ ހިސާބަށް ކަންކަން ދަނީ އެތެރޭގެ އިންތިހާބުތަކުގައި ނުފޫޒު ފޯރުވައި، އިންސާފުވެރިކަން ގެއްލިފައިވާތީ ކަމަށެވެ. ނަމަވެސް ޕީއެންސީގައި ކޮންމެ މެމްބަރަކަށް ވެސް ވާދަކޮށްގެން މަގާމުތަކަށް އައުމުގެ ފުރުސަތު އޮތުމަކީ ރައްޔިތުންގެ ޝައުގުވެރިކަން އެ ޕާޓީއަށް އިތުރުވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ފަލާހު ވިދާޅުވީ، ސިޔާސީ ޕާޓީތައް ހަރުދަނާވުމަކީ ގައުމުގެ ހިންގުން ވެސް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. ރައީސް ޑރ. މުއިއްޒު ޕާޓީ ހަރުދަނާ ކުރެއްވުމަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވައި، ރައްޔިތުން އެދޭ ފަދަ ބަދަލުތައް ގެނެސްދެވޭނެ ހަމައެކަނި ސިޔާސީ ފިކުރަކީ ޕީއެންސީ ކަމަށް އޭނާ ވިދާޅުވިއެވެ.

