އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަކީ ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ފެއިލްވެފައިވާ ޕާޓީއެއް ކަމަށާއި، އެ ޕާޓީން ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވީ އެމްއެމް ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީން “ޑޮލަރެއް ނެތް” މި ނަމުގައި ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ތައްޔާރުވަމުންދާތީ އެކަމަށް ފާޑުވިދާޅުވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ފެނިގެންދިޔައީ ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމުގެ ބަދަލުގައި، ހުރި އެސެޓްތައް ވިއްކާލައި ދަރަނި އިތުރުކުރި މަންޒަރު ކަމަށެވެ. ޚާއްޞަކޮށް ރައީސް ނަޝީދުގެ ވެރިކަމުގައި މައި އެއާޕޯޓާއި، ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ވިއްކާލުމަކީ އެޕާޓީގެ ނާގާބިލުކަން ހާމަވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
ދައުލަތުގެ މާލީ ޙާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، އެމްޑީޕީގެ ފަހު ވެރިކަމުގައި މާލިއްޔަތު ޤާނޫނާ ޚިލާފަށް 8 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ފައިސާގެ އަގަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީ ބައިނަލްއަޤްވާމީ މައްސަލައެއް ކަމަށާއި، އެއީ ވަކި ބޭފުޅަކު ވެރިކަމުގައި ހުރުމާ ގުޅުންހުރި ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑަށް ގަބޫލުކުރެވެނީ އެމްޑީޕީ އެއްކޮށް ފެއިލްވީ ކަމަށް. އެބޭފުޅުން އިގްތިސާދީ ވާހަކަ ދައްކަން ހެޔޮނުވާނެ” ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިއަދު އެމްޑީޕީން މުޒާހަރާއަށް ގޮވާލުމުން ރައްޔިތުން ނުނުކުންނަނީ، އެ ޕާޓީގެ އިޚްލާޞްތެރިކަމެއް ނެތްކަން ރައްޔިތުންނަށް ސާފުވާތީ ކަމަށެވެ.
މިހާރުގެ ސަރުކާރުން އިޤްތިޞާދު މެނޭޖްކުރަމުންދާ ގޮތަށް ތައުރީފު ކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ވޭތުވެދިޔަ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެއް ބިލިއަނެއްހާ ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާވަމުންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

