ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކައުންސިލް އިދާރާތައް ބިނާކުރުމުގެ މަޝްރޫއުގެ ތެރެއިން 55 ރަށެއްގެ މަސައްކަތުގެ 66 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި މަޝްރޫއަކީ ރަށްރަށުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ބިނާރާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންދާ އޮފީސްތައް މިހާރު ހުރީ އެކި މަރުހަލާތަކުގައެވެ. މީގެ ތެރޭގައި އާރުސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ރަށުގެ މަސައްކަތުގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީގައި 50 ރަށެއްގައި ކައުންސިލް އިދާރާ ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރަށްރަށުގެ ކައުންސިލް އިދާރާތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ފާހަގަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގެ ގިނަ ރަށްތަކެއްގެ ކައުންސިލް އިދާރާތަކަކީ 30 ނުވަތަ 40 އަހަރުވެފައިވާ، މަރާމާތެއް ނުކޮށް ހުރި ބާ އިމާރާތްތަކެކެވެ. އެހެންކަމުން، ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި 100 އަށް ވުރެ ގިނަ ކައުންސިލް އިމާރާތް ބިނާކުރުމަކީ އެމަނިކުފާނުގެ އަމާޒެކެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ އޮފީސްތައް ނިމިގެންދާއިރު، އެ ތަންތަނަކީ ހިދުމަތް ދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ތަންތަނަށް ވާނެއެވެ. އެގޮތުން، އިމާރާތުގެ މަސައްކަތުގެ އިތުރުން ގޯތީގެ ވަށާފާރު ރޭނުމާއި، އޮފީހަށް ބޭނުންވާ ހުރިހާ ފަރުނީޗަރެއް ހަމަކުރުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި މަސައްކަތްތައް ނިމުމުން، ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް އިތުރަށް ހަލުވިވެ، މުވައްޒަފުންނަށް މަސައްކަތް ކުރުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

