އާންމު ރައްޔިތުންގެ ޟަރޫރީ ބޭނުންތަކަށް ބޭންކު ރޭޓުގައި ޑޮލަރު ލިބުމުގައި މިހާރު އޮތް ފަސޭހަކަން މީގެ ކުރިން ދުވަހަކުވެސް ނެތް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ފަލާހު ވަނީ ޑޮލަރުގެ ދަތިކަމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ދައްކާ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނިމިގެން ދިޔަ ގޮތަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، އެ ޕާޓީން ވެރިކަމަށް އައީ ލެޕްޓޮޕަކާއި ފަޅު ރަށަކުން ގައުމު ހިންގިދާނެ ކަމަށް ބުނެ ކަމަށާއި، ނަމަވެސް ވެރިކަން ނިމުނީ ގައުމު ހިންގާނެ ގޮތެއް އެނގިވަޑައިނުގެން ވެރިކަން ދޫކޮށްލެއްވުމުން ކަމަށެވެ. “އެއިރު ރައްޔިތުން ތިބި ހާލަތުން ރައްޔިތުން ދިޔައީ އަރައަރައިގަނެގެން. އޭގެ މާނައަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މުޒާހަރާކުރަމުންދިޔައީ، ތަކެއްޗަށް އައި ބަދަލާއި ހިދުމަތްތަކަށް އައި ހީނަރުކަމުގެ ސަބަބުން (އެވެރިކަން) ނިމިގެންދިޔައީ،” ފަލާހު ވިދާޅުވިއެވެ.
ފަލާހު ފާހަގަކުރެއްވި ގޮތުގައި މިއަދު ބޭންކުތައް މެދުވެރިކޮށް ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ހުޅުވިފައި އޮތް ދޮރެކެވެ. އެގޮތުން ބޭސްފަރުވާއަށް ބޭރަށްދާ މީހުންނަށް 15.42 ރުފިޔާގެ ރޭޓުގައި 1،000 ޑޮލަރު ލިބޭއިރު، ހައްޖާއި އުމްރާގެ އަޅުކަމަށް ބޭނުންވާ ޑޮލަރާއި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޑޮލަރުވެސް ދޫކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ކާޑުތަކުން 3،000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވޭކަންވެސް އޭނާ ބަޔާންކުރެއްވިއެވެ.
ވިޔަފާރިވެރިންނަށް ލިބޭ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، މުދާ އެތެރެކުރުމުގައި ޝިޕްމެންޓުގެ 20 އިންސައްތައާ ހަމައަށް ބޭންކުން ޑޮލަރު ހަމަޖައްސައިދޭ ކަމަށެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ޖުމްލަކޮށް ޑޮލަރެއް ގަންނަން ޖެހެނީ ގާތްގަނޑަކަށް 18 ރުފިޔާއަށް ކަމަށް އޭނާ ވިދާޅުވިއެވެ. “އެހެންވީމާ ހަގީގަތުގައި އާއްމު ރައްޔިތު ފަރުދުންނަށް މިއަށްވުރެ ފަސޭހައިން ބޭންކު ރޭޓުގައި ޑޮލަރު ލިބުނު ޒަމާނެއް ނާންނާނެ،” ފަލާހު ވިދާޅުވިއެވެ.
ޑޮލަރުގެ އަގަށް އައި ބަދަލަކީ އެމްޑީޕީގެ ވެރިކަމުގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ނަތީޖާ ކަމަށް ފަލާހު ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވީ އެކަމުގެ ނޭދެވޭ އަސަރު ފެންނަން ވަގުތު ނެގީ ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި ފައިސާ މާރުކޮށް، އެ ފަންޑު ދެ މިލިއަން ޑޮލަރަށް ކުޑަކޮށްލާފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނިންމާލައްވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ބޮޑެތި ދަރަނިތައް ނަގާފައިވީ ނަމަވެސް، އެ ފައިސާއިން ކުރި ކަމެއް ފެންނަން ނެތް ކަމަށެވެ. އަދި އެ ދަރަނިތަކުން ގައުމަށް އިތުރުކޮށްދިން ކުރިއެރުމެއް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީޕީ ނުކުޅެދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

