ސްކޫލުގެ ހަ ގަޑިއިރުގެ ކިޔެވުމަށްފަހު، އިތުރު ހަތަރު ގަޑިއިރާއި ހަ ގަޑިއިރާ ދެމެދުގެ ވަގުތެއް ޓިއުޝަންގައި ހޭދަކުރަން ޖެހުމަކީ ދަރިވަރުންގެ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. މަތީ އަރުތަވެރިންގެ ހަފުލާގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގައި މިހާރު އޮތް ޓިއުޝަން ސަގާފަތާ މެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދަރިވަރުން އަމިއްލައަށް އިސްނަގައިގެން ކަންކަން ހޯދައި ބަލައިގެން އުނގެނޭނަމަ، އެ މައުލޫމާތު ސިކުނޑީގައި ހަރުލުމުގެ ފުރުސަތު 75 އިންސައްތައަށް އިތުރުވެގެންދެއެވެ. ނަމަވެސް، އެހެން ބަޔަކަށް ބަރޯސާވެގެން “ސްޕޫންފީޑް” ކޮށްގެން އުނގެނޭނަމަ، އެ ކުދިންގެ ސިކުނޑީގައި އިލްމު ހަރުލާ މިންވަރު ދަށްވާނެ ކަމަށް ވިދާޅުވިއެވެ. “މިއީ ވިސްނައި ބެލެނިވެރިންނާއި ދަރިވަރުން ހޭލުންތެރިކޮށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް،” ވަޒީރު ވިދާޅުވިއެވެ.
ކިޔެވުމުގެ އިތުރުން ކުޅިވަރާއި ހިތްއުފާވާ ކަންތައްތަކަށް ވަގުތު ހުސްކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން، ދަރިވަރުން އަމިއްލައަށް ވަގުތު މެނޭޖްކުރަން ދަސްކުރަން ޖެހޭ ކަމަށް ޑރ. އިސްމާއިލް ޝަފީއު ވިދާޅުވިއެވެ. އަދި ސްކޫލުން ބޭރުން އެހީތެރިކަން ހޯދި ނަމަވެސް، އެއީ ކުލާހުގައި ކިޔަވައިދޭ ފިލާވަޅުތަކަށް ދޭ ސަމާލުކަން ކުޑަނުވާނެ ގޮތަކަށް ކުރިއަށްގެންދާ ކަމަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މުދައްރިސުންނަށް އިލްތިމާސް ކުރައްވަމުން ވަޒީރު ވިދާޅުވީ، ކުލާސް ރޫމުގެ ތެރޭގައި ދެވޭ ފިލާވަޅުތަކަކީ ދަރިވަރުންނަށް ބޭނުންވާ މިންވަރަށް އުނގަންނައިދެވޭ ފިލާވަޅުތަކަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެން ނޫންނަމަ، ޓިއުޝަންގެ ސަގާފަތް މިހާރަށްވުރެ ވަރުގަދަވެ، އުނގަންނައިދިނުމުގެ ނިޒާމު ބަލިކަށިވެދާނެ ކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ.
މި މައްސަލައަށް އޮތް ހައްލަކީ ސްކޫލާއި، މުދައްރިސުންނާއި، ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރުން ކަމަށް ވިދާޅުވެ، ދަރިވަރުންގެ އުނގެނުމަށް އެކުދިން އަމިއްލައަށް ޒިންމާވާ މިންވަރު އިތުރުކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.

