ދުވަސްވީ މީހުން އިތުރުވާ މުސްތަގުބަލަކަށް ތައްޔާރުކުރުމަށްޓަކައި ޒުވާނުންގެ ދުޅަހެޔޮކަމަށް ވުނަކުރުމަކީ
ދުވަސްވީ މީހުން ގިނަވާ އާބާދީއަކަށް ތައްޔާރުވުމަށް ޒުވާނުންގެ ސިއްހަތަށް އިންވެސްޓްކުރުން މުހިންމު: ރައީސް
ނިސްބަތުން ގިނަ އާބާދީއަކާ ދިމާއަށް ދިވެހިރާއްޖެ މިސްރާބުޖަހާފައިވާ މި ދަނޑިވަޅުގައި، ޞިއްޙީ އޮނިގަނޑުތައް ދަމަހައްޓައި އެ އާބާދީއަށް އެއްބާރުލުންދިނުމަށްޓަކައި، ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުމަކީ ލާޒިމު
ރާއްޖޭގެ އާބާދީގެ އޮނިގަނޑަށް އަންނަމުންދާ ބަދަލުތަކާއެކު، ދުވަސްވީ މީހުން އިތުރުވާ މުސްތަގުބަލަކަށް ގައުމު ތައްޔާރުކުރުމަށްޓަކައި ޒުވާނުންގެ ދުޅަހެޔޮކަމަށް ވުނަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން ނޫނީ، މުސްތަގުބަލުގައި އުފެއްދުންތެރި އަދި އެހީތެރި މުޖުތަމައެއް ބިނާއެއް ނުކުރެވޭނެއެވެ. ޚާއްޞަކޮށް، ގައިންގަޔަށް ނާރާ ބަލިތަކުން ޒުވާނުން ރައްކާތެރިކޮށް، ދުވަސްވުމުން ކުރިމަތިވާ ސިއްހީ މައްސަލަތައް ފަސްކުރުމަށް މަސައްކަތް ކުރުމަކީ ދައުލަތުގެ ސިއްހީ އޮނިގަނޑަށް ލިބޭނެ ބޮޑު ލުޔެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އާއިލާތަކުގެ ތެރޭގައި، ވަކިން ހާއްސަކޮށް އަންހެނުންނާއި އަންހެން ކުދިން އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް ކުރާ މަސައްކަތް ލުއިކޮށްދިނުމަށްޓަކައި "ކެއަރ އިކޮނޮމީ" ނުވަތަ އަޅާލުމުގެ އިގްތިސާދަށް އިންވެސްޓްކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. "މިފަދަ ވުނަކުރުމުން، ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ކަށަވަރުކޮށްދީ، އެފަދަ ފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ އެއްބާރުލުން ފޯރުކޮށްދެވޭނެ،" ރައީސްގެ މެސެޖުގައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އާބާދީގެ 39 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ފެންވަރު ރަނގަޅު ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އިސް ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ‘މޯލްޑިވްސް 2.0’ ގެ ދަށުން ހިދުމަތްތައް ޒަމާނީކޮށް، ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމުގެ މަސައްކަތް ބާރުގަދަ ދުވެއްޔެއްގައި ކުރިއަށްދާކަންވެސް ފާހަގަކުރެއްވިއެވެ.
އާބާދީގެ ސިޔާސަތުތައް އެކުލަވާލުމުގައި ސައްހަ ތަފާސްހިސާބުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރަށު ފެންވަރުގައި އިދާރީ ދަފްތަރުތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިއީ ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކޮށް، ކުރުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މި މަސައްކަތުގެ ތެރެއިން، 2030 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބޯހިމެނުން ކުރިއަށްގެންދާނީ "ހައިބްރިޑް" އުސޫލަކުންކަން ރައީސް ހާމަކުރެއްވިއެވެ. އެއީ މިހާތަނަށް ބޭނުންކުރަމުން އައި އުސޫލުތަކާއި އިދާރީ ދަފްތަރުތަކުން ލިބޭ މައުލޫމާތު އެކުލަވާލައިގެން، މިއަށްވުރެ ފުރިހަމަ އަދި ޒަމާނީ ގޮތަކަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

