ތައިލެންޑަށް ވައިގެ މަގުން ދަތުރުކުރާ ފަރާތްތަކުން އެ ގައުމަށް އެތެރެވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ޑިޖިޓަލް އެރައިވަލް ކާޑު ފުރުމަށް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން އިލްތިމާސްކޮށްފިއެވެ. މިއީ އެ ގައުމުގެ އިމިގްރޭޝަން އުސޫލުތަކަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ދަތުރުވެރިންނަށް ދީފައިވާ އިރުޝާދެކެވެ.
މޯލްޑިވިއަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ތައިލެންޑަށް ދަތުރުކުރާ މީހުން އެ ގައުމަށް އެތެރެވުމުގެ ތިން ދުވަސް ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފޯޓަލް މެދުވެރިކޮށް ދަތުރުގެ ހުރިހާ ތަފުސީލެއް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ. މީގެ ބޭނުމަކީ އިމިގްރޭޝަންގެ ކަންކަން ވީހާވެސް ލުއިފަސޭހަކަމާއެކު ކުރިއަށް ގެންދިއުމެވެ.
ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް މި ބަދަލު ގެނެސްފައިވަނީ މިއަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެ އުސޫލުގައިވާ ގޮތުން، އެ ގައުމަށް ޒިޔާރަތްކުރާ ކޮންމެ ބޭރު ގައުމެއްގެ ރައްޔިތަކުވެސް އޮންލައިންކޮށް މި ކާޑު ފުރިހަމަކުރުމަކީ މަޖުބޫރު ކަމެކެވެ.
މީގެ އިތުރުން، ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރުމުން ލިބޭ ކޮންފަރމޭޝަންގެ ޑިޖިޓަލް ކޮޕީއެއް ތައިލެންޑަށް އެތެރެވާއިރު އިމިގްރޭޝަން ކައުންޓަރަށް ހުށަހެޅުމަށްވެސް މޯލްޑިވިއަނުން ވަނީ ދަތުރުވެރިންނަށް އިރުޝާދު ދީފައެވެ. މިކަމުގެ ސަބަބުން އެއާޕޯޓުގައި ހޭދަވާ ވަގުތު ކުޑަވެ، ދަތުރުގެ ކަންކަން އަވަސްވެގެންދާނެއެވެ.
ތައިލެންޑަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރާ ގައުމަކަށް ވުމާއެކު، ދަތުރުގެ ކުރިން މިފަދަ އިދާރީ ކަންކަން ފުރިހަމަކުރުމަކީ ދަތުރުވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

