ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކާއި ސްޓިއަރިން ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ބޭއްވި އިންތިޚާބުގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 85 އިންސައްތަ މީހުން ބައިވެރިވެއްޖެއެވެ.
މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބު ކަމަށް އެ ޕާޓީން ބުނެއެވެ.
އިންތިޚާބުގެ ވޯޓުލުން ނިންމާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގެ 119 ރަށެއްގައި މިއަދު ވޯޓުލުން ކުރިއަށްދިޔަ ކަމަށެވެ. މި އިންތިޚާބުގެ އެކި މަގާމުތަކަށް ވާދަކުރުމަށް 2،400 އެއްހައި ކެންޑިޑޭޓުން ކުރިމަތިލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު 40،000 އެއްހައި މެންބަރުންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން 32،000 އާއި 33،000 އާ ދެމެދުގެ އަދަދަކަށް މީހުން ވަނީ ވޯޓުލާފައެވެ. “އަޅުގަނޑުމެން ވޯޓު ފޮށި ބަންދުކުރުމާ ހަމައަށް އައިއިރު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ބޭފުޅުންގެ 85 އިންސައްތަ ބޭފުޅުން ގާތްްގަނޑަކަށް މިވަނީ ވޯޓުލާފައި،” ޗެއާޕާސަން ވިދާޅުވިއެވެ.
މިހާ ގިނަ އަދަދެއްގެ މެންބަރުން އިންތިޚާބުގައި ބައިވެރިވުމަކީ ޕާޓީގެ ލީޑަރޝިޕާއި، ސަރުކާރާއި، އަދި ޚާއްޞަކޮށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އޮތް އިތުބާރު ހާމަވެގެންދިޔަ ކަމެއްގެ ގޮތުގައި ޢަބްދުއްރަޙީމް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ މި ނަތީޖާއިން ފެނިގެންދަނީ ޕާޓީގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ ތާއީދު ކަމަށެވެ.
މީގެ އިތުރުން، އިންތިޚާބުގެ ކަންކަން ވަރަށް ސުލްހަވެރިކަމާއެކު ކުރިއަށް ދިޔަކަން ފާހަގަ ކުރައްވައި، ޗެއާޕާސަން ވަނީ ހުރިހާ ކެންޑިޑޭޓުންނަށާއި މަންދޫބުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އެހެން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކުގައި ފެންނަ ފަދަ ހަމަނުޖެހުންތަކެއް ނުފެނި، ނަމޫނާ ގޮތަކަށް އިންތިޚާބު ނިންމާލެވުމަކީ ޕީއެންސީގެ ތަފާތުކަން ހާމަވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

