އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީ އަރަބިއްޔާއަށް ސީދާ އުމްރާ ދަތުރުތައް ފަށައި، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އާ ސަފުހާއެއް ހުޅުވާލައިފިއެވެ. މިއީ ރާއްޖޭގެ ދެކުނުގެ އެއާޕޯޓަކުން ސައުދީއަށް ސީދާ އުމްރާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ.
މި ތާރީހީ ދަތުރުތައް ކުރިއަށް ގެންދަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އޭ-330 މަރުކާގެ ބޯޓުގައެވެ. މި ދަތުރަކީ އުމްރާގެ ހިދުމަތް ދޭ އެޖެންސީއެއް ކަމަށްވާ “ދަ ޓްރެވެލާ” އާއި މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެކެވެ. ރޭ ފަތިހު 4:24 ގައި ފުރި ފުރަތަމަ ފްލައިޓުގައި ކުޑަކުދިން ހިމެނޭހެން ޖުމްލަ 260 މީހުން ވަނީ އުމްރާގެ އަޅުކަމަށް ފުރާފައެވެ.
މޯލްޑިވިއަނުން އުމްރާ ދަތުރުތަކުގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ. އޭގެ ފަހުން، މިދިޔަ ހައްޖު މޫސުމުގައި ވެސް ދިވެހި ހައްޖުވެރިން ސައުދީއަށް ގެންގޮސްދިނުމާއި އަނބުރާ ގެނައުމުގެ މުހިންމު ޒިންމާ އެ އެއާލައިނުން ވަނީ ކާމިޔާބުކަމާއެކު އަދާކޮށްފައެވެ.
މި އުމްރާ ދަތުރުތަކާ ދިމާކޮށް، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި މޯލްޑިވިއަނުން ވަނީ “ސައުތު ކަނެކްޓިވިޓީ ނެޓްވޯކް” ގެ ނަމުގައި ހާއްސަ ވިއުގައެއް ގާއިމުކޮށްފައެވެ. މި ވިއުގައިގެ ދަށުން އައްޑޫ އާއި ފުވައްމުލަކުގެ އިތުރުން ހުވަދު އަތޮޅުގެ ތިން ބުރީގެ މެދުގައި މިހާރު ވަނީ ޝެޑިއުލް ދަތުރުތައް ފަށާފައެވެ.
މި އާ އިންތިޒާމުތަކާއެކު، އައްޑޫ ގަން އެއާޕޯޓު މިހާރު ވެފައިވަނީ ދެކުނުގެ ވައިގެ ދަތުރުފަތުރުގެ މައި މަރުކަޒަށެވެ. މިއީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން މާލެ ނުގޮސް، ސީދާ އަމިއްލަ ސަރަހައްދުން ބޭރު ގައުމުތަކަށް ދަތުރުކުރުމަށް ހުޅުވިގެންދިޔަ ބޮޑު ފުރުސަތެކެވެ.

