ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ރެކޯޑް އަދަދަކަށް ބޭރު ފައިސާ ދޫކޮށްފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ބޭންކުން ވަނީ ޖުމްލަ 1.7 ބިލިޔަން ޑޮލަރު ވިއްކާފައެވެ.
މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު 77 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ކުރީގެ އެ މުއްދަތުގައި ބޭންކުން ވިއްކާފައިވަނީ 957 މިލިޔަން ޑޮލަރެވެ. ބޭންކުން ވިއްކި ފައިސާގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި، ޓެލްގްރެފިކް ޓްރާންސްފަރ (ޓީޓީ) ގެ އިތުރުން ތައުލީމާއި، ބޭސްފަރުވާ އަދި ދަތުރުވެރިންނަށް ވިއްކި ފައިސާ ހިމެނެއެވެ.
ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް އެކަނިވެސް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި 870 މިލިޔަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ ކުރީގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިޔަން ޑޮލަރު ވިއްކިއިރު، މިއަހަރު އެވްރެޖްކޮށް މަހަކު 37.8 މިލިޔަން ޑޮލަރު ދަނީ ވިއްކަމުންނެވެ.
ހަމައެއާއެކު، ޓީޓީ ފޮނުވުމަށް ވިއްކާ ފައިސާގެ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. 2023 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.2 މިލިޔަން ޑޮލަރު ޓީޓީއަށް ވިއްކިއިރު، މިއަހަރު އެ އަދަދު ވަނީ މަހަކު 28 މިލިޔަން ޑޮލަރަށް އަރާފައެވެ.
ބޭރުގައި ކިޔަވާ ކުދިންނާއި ބޭސްފަރުވާ ހޯދާ ފަރާތްތަކަށް ބޭންކުން ވިއްކާ ފައިސާގެ މިންވަރުވެސް އަހަރަކަށްވުރެ އަހަރެއް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2023 ވަނަ އަހަރު މަހަކު 2.9 މިލިޔަން ޑޮލަރު ވިއްކިއިރު، މިއަހަރު އެވްރެޖްކޮށް މަހަކު 5.8 މިލިޔަން ޑޮލަރު ބޭންކުން ދަނީ ދޫކުރަމުންނެވެ. އަދި ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި ވިއްކި ޑޮލަރުގެ މިންވަރުވެސް ވަނީ 70 އިންސައްތަ އިތުރުވެފައެވެ.
ބޭންކުން ހާމަކުރި ގޮތުގައި ފާއިތުވި 5 އަހަރުގެ ތެރޭގައި މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައެވެ. 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިޔަން ޑޮލަރު ވިއްކިއިރު، 2026 ގެ ފުރަތަމަ ހަ މަސްދުވަހު މި އަދަދު ވަނީ މަހަކު 80 މިލިޔަން ޑޮލަރަށް އަރާފައެވެ. ބީއެމްއެލްއިން ވިދާޅުވީ، މި ތަފާސްހިސާބުތަކުން ހާމަވަނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބޭންކުން ބަހައްޓާ ސާބިތުކަން ކަމަށެވެ.

