ކުތުބުހާނާތަކަކީ އިންސާނާގެ ދިރިއުޅުމަށް ބޭނުންވާ ސައްހަ މައުލޫމާތުތައް ހޯދައިގަތުމަށް މަގުދައްކައިދޭ އާރުކާޓީއެއްގެ ގޮތުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ސިފަކުރައްވައިފިއެވެ.
ގައުމީ ކުތުބުހާނާގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އިލްމާއި ހިލްމު ލިބިފައިވާ ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގައި ކުތުބުހާނާތަކުން އަދާކުރަނީ ނުހަނު މުހިންމު ދައުރެއް ކަމަށެވެ. އަދި ކިޔުންތެރިކަމުގެ ތެރެއިން މި މަގްސަދު ހާސިލުކޮށްދިނުމަށް ކުތުބުހާނާތަކުން ބޮޑު އެހީތެރިކަމެއް ލިބޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ގައުމީ ކުތުބުހާނާއަށް 81 އަހަރު ފުރިގެންދިޔައިރު، އެ މުއައްސަސާގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ތަނުގެ މުއްސަނދިކަން އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުތުބުހާނާގެ ވަސީލަތްތައް ތަރައްގީކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެކެވެ.
ރާއްޖޭގެ މުއްސަނދި ތާރީހާއި ސަގާފަތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި، އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވެސް ކުތުބުހާނާތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

