އިންޑޮނޭޝިއާގެ ޓަންގަރަންގގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ‘ހަލާލް އިންޑޯ އެކްސްޕޯ 2026’ ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ކުންފުނިތަކަށާއި ސިނާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހުޅުވާލައިފިއެވެ. މި ބައިނަލްއަޤުވާމީ މައުރަޒު ކުރިއަށްދާނީ އަންނަ ސެޕްޓެންބަރު މަހުގެ 24 އިން 27 ގެ ނިޔަލަށެވެ.
2018 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި އެކްސްޕޯއަކީ އިންޑޮނޭޝިއާގެ ހަލާލް ސިނާއަތް ދުނިޔޭގެ މާކެޓަށް ފުޅާކުރުމަށާއި، އެ ޤައުމަކީ ދުނިޔޭގެ ހަލާލް އުފެއްދުންތަކުގެ މައި މަރުކަޒަކަށް ހެދުމުގެ މަޤުސަދުގައި ބާއްވާ ހަރަކާތެކެވެ. މި މައުރަޒުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެކްސްޕޯގައި ހިމެނޭ މައިގަނޑު ދާއިރާތައް
މި އެކްސްޕޯގައި އިސްލާމީ ޝަރީޢާ ހުއްދަކުރާ ތަފާތު ދާއިރާތަކުން އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ލިބޭނެއެވެ. އޭގެ ތެރޭގައި ހަލާލް ކާބޯތަކެތި، އިސްލާމީ ފެޝަން އަދި ލައިފްސްޓައިލް، ހަލާލް ކޮސްމެޓިކްސް، އިސްލާމީ ފައިނޭންސް އަދި ހަލާލް ފަތުރުވެރިކަމުގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމަށް "ބިޒްނަސް މެޗިންގ" ފޯރަމްތަކާއި ކޮންސަލްޓޭޝަން ޕްރޮގްރާމްތައް ވެސް ކުރިއަށްދާނެއެވެ.
މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކްސްޕޯގެ ރަސްމީ ވެބްސައިޓް www.halalindo.com މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އިޤްތިޞާދީ ވުޒާރާއިން އިރުޝާދުދެއެވެ. އަދި ފޯމު ހުށަހެޅުމަށްފަހު އެކަމުގެ މައުލޫމާތު މިނިސްޓްރީގެ އީމެއިލް international@trade.gov.mv އަށް ހިއްސާކުރަން ޖެހޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ޖަކާޓާގައި ބޭއްވި މި އެކްސްޕޯގައި ދުނިޔޭގެ 11 ޤައުމަކުން 346 އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މެލޭޝިއާ، ޗައިނާ، ސިންގަޕޫރު އަދި އެމެރިކާ ފަދަ ޤައުމުތައް ހިމެނެއެވެ.

