އިލެކްޓްރޯނިކް ވޯޓިން ނިޒާމު ނުވަތަ އީ-ވޯޓިން ނިޒާމަކަށް ދިއުމަށް ދިވެހިރާއްޖެ އަދި ތައްޔާރު ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައިޝަކީލް ވިދާޅުވީ، މިފަދަ ނިޒާމަކަށް ބަދަލުވުމުގެ ކުރިން ރައްޔިތުން އެކަމަށް ވަރަށް ބޮޑަށް ހޭލުންތެރިކުރަން ޖެހޭ ކަމަށެވެ.
ޝަކީލް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް އީ-ވޯޓިން ގެނައުމަށް މާއްދީ ގޮތުން އެއްވެސް ހުރަހެއް ނެތެވެ. ނަމަވެސް، ދިވެހި މުޖުތަމަޢު އެ ނިޒާމަށް އަދި ތައްޔާރު ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އެފަދަ ބޮޑު ބަދަލެއް ގެންނަންވާނީ އާއްމުންނަށް އެ ނިޒާމަކީ ކޮބައިކަން އޮޅުންފިލުވައިދީ، ދެމެހެއްޓެނެވި ގޮތެއްގައި ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކެއް ކުރުމަށް ފަހު ކަމަށް ޝަކީލް ވިދާޅުވިއެވެ.
ވޯޓުލުމުގެ ނިޒާމާ ބެހޭގޮތުން ޝަކީލް ވިދާޅުވީ، “އަދި އަޅުގަނޑުމެންގެ މުޖުތަމަޢު އޮތްގޮތުން އީ-ވޯޓިންއަށް ތައްޔާރެއް ނޫން. އެއީ މިދަންނަވާހެން މި ނިޒާމާއި މެދު އެކި ގޮތްގޮތަށް ވާހަކަ އެބަދެކެވޭ. އީވޯޓިން ނިޒާމްގެ ވާހަކަ ދެކެވޭ އިރު އޮޅުވާލަން މަސައްކަތްކުރަނީއޭ ބުނެ ވާހަކަ އެބަދެކެވޭ. އީވޯޓިން ނިޒާމަކަށް ދިއުމުގެ ކުރިން ހޭލުންތެރިކޮށް ހަގީގީ މައުލޫމާތު ފޯރުކޮށްދޭންޖެހޭ” ކަމަށެވެ.
ޝަކީލް މިފަދައިން ވިދާޅުވެފައިވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާއެކު އީ-ވޯޓިންގެ ބަހުސް ސިޔާސީ ދާއިރާގައި ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. މި ބިލުގެ ސަބަބުން އީ-ވޯޓިންއަށް މަގުފަހިވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ވަނީ އެފަދަ އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން ތަކުރާރުކޮށް ހާމަކޮށްފައެވެ.
މީގެ އިތުރުން، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި އީ-ވޯޓިންއާ ގުޅޭ އެއްވެސް ވާހަކައެއް ހިމަނާފައި ނުވާކަން ވެސް ފާހަގަކޮށްލެވެއެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުން ވެސް ވަނީ ގާނޫނަށް ބަދަލު ގެނެސްގެން ވޯޓުލުމުގެ ނިޒާމު ބަދަލުކުރުމުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމުގެ ޔަގީންކަން ދެއްވާފައެވެ.

